މާލޭ ވިޔަފާރި ބަނދަރަށް ބަނދަރުކުރާ އާގުބޯޓުފަހަރުން މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ ލިބެމުންދާ މާލީ ގެއްލުންތަކާ ގުޅިގެން ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލްގެ ކެޕޭސިޓީއަކީ 2،750 ކޮންޓޭނަރެވެ. ދޭތެރެދޭތެރެއިން މުދާ ހުސްކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް މި ހަބަރަށް މައުލޫމާތު ދިން ވިޔަފާރިވެރިން ބުނާ ގޮތުގައި މިހާރު އެވްރެޖުކޮށް ބޯޓަކުން މުދާ ހުސްކުރުމަށް 17 ދުވަސް ހޭދަވެ އެވެ.
"މިކޮޅުން ޖާގަ ނުލިބިގެން ބައިވަރު މުދާ އެބަހުރި މިވަގުތު ވެސް ކޮލޮމްބޯ ބަނދަރުގައި. މުދާ ބާޒާރަށް ނުނެރެވި ހޭދަވާ ކޮންމެ ދުވަހަކު އެތައް ގެއްލުމެއް ލިބެމުން މިދަނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުންޏެވެ.
މީގެ ކުރިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުދާ ބޯޓުން ބާލައި ބާޒަރަށް ނެރެވޭއިރު އެ މުއްދަތު އިތުރުވުމާއެކު ވިޔަފާރިތަކުގެ ސްޓޮކަށް ވެސް އަސަރުކުރަން ވަނީ ފަށާފަ އެވެ. ބައެއް ވިޔަފާރިތަކުގެ އާމްދަނީއަށް ވެސް މިކަމުގެ އަސަރު ވަނީ ކުރަން ފަށާފަ އެވެ.
"އާ ސްޓޮކު ނެރެން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ ތެރޭގައި. އެކަމަކު ޕޯޓު ބާރުބޮޑުކަމުން އަދިވެސް މުދާކޮޅު ނުނެރެވިގެން މި އުޅެނީ. ވިޔަފާރި ބަނދަރުން އެބަޖެހޭ ވިޔަފާރިތަކަށް ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖައްސަން،" އިތުރު ވިޔަފާރިވެރިޔަކު އަދަދު ނޫހަށް ބުންޏެވެ.
ރާއްޖެއަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި ގެންނަ ބައެއް ވިޔަފާރިތަކުގެ ޝިޕްމަންޓުތައް ވެސް ކްލިއާ ނުކުރެވި ހުރިކަން ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކަށް ސަޕްލައި ކުރާ ވިޔަފާރިތައް ވެސް ހިމެނެ އެވެ.
އިތުރު ވިޔަފާރިވެރިން ވެސް ވަނީ ބަނދަރުން މުދާ ހުސްކުރުމުގައި ލަސްތައް ކުރިމަތިވަމުން އަންނާތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމުގެ މައުލޫމާތު އަދަދު ނޫހާ ހިއްސާކޮށްފަ އެވެ.
އެމްޕީއެލްގައި މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެ ކުންފުނިން ބުނި ގޮތުގައި ބަނދަރުގެ އޮޕަރޭޝަންތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ ރޯދަ މަހާ ދިމާކޮށް ގިނަ އަދަދެއްގެ މުދާ ގެނައުމާ ގުޅިގެންނެވެ.
"މުދާ ގެންނަ ބޯޓުފަހަރު އިތުރުވެ، މުދަލުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައި. އެހެންވެ މި ދުވަސްވަރު މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ބޮޑުވެ، ބަނދަރުގެ އޮޕަރޭޝަންސްތަކަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި،" އެމްޕީއެލްއިން މައުލޫމާތު ދިނެވެ.
އެ ދަތިތަކަކާއެކު ވެސް ވީހާވެސް އަވަހަށް މުދާ ބާލައި ކްލިއާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މުޅި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ބަނދަރު ރީލޮކޭޓު ކޮށްގެން ކަމަށް އެމްޕީއެލްއިން ބުނެ އެވެ.
ވިޔަފާރިންގެ މި ޝަކުވާ ތިލަވެފައި މިވަނީ މި އަހަރުގެ ޖެނުއަރީ 26، އިން ފެށިގެން އެމްޕީއެލްގެ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފައި ވަނިކޮށެވެ.
"މިއީ 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިގުތިސޯދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް. މިބަދަލާއެކު، ކުރިންވެސް އުޅަނދުފަހަރަށް ދެމުން އައި ކްލިއަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ހިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެ،" އެކަން ހާމަކުރައްވަމުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ލިޔުއްވާފައިވެ އެވެ.
ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ހެދި ހިލޭ މުދާ ބެހެއްޓޭ 10 ދުވަހުގެ މުއްދަތު ވެސް އޮތީ ކުޑަކޮށްފަ އެވެ ރީފާ ކޮންޓެއިނަރު ބެހެއްޓޭ މުއްދަތު ފަސް ދުވަހަށް އަދި ޑްރައި ކޮންޓެއިނަރު ބެހެއްޓޭ މުއްދަތު ހަތް ދުވަހަށް ކުޑަކުރީ އޮކްޓޯބަރު 2024، ގަ އެވެ.
ހުސް ކޮންޓެއިނަރު ބެހެއްޓުމަށް ތިލަފުށީގައި ގާއިމުކޮށްފައިވާ "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. އެ ތަނުގައި 3،000 ކޮންޓެއިނަރު ބެހެއްޓުމުގެ ޖާގަ ހުރެ އެވެ.
ގާތްގަނޑަކަށް މީގެ 40 އަހަރުކުރިން ސެޕްޓެމްބަރު 1986، ގައި ހުޅުވި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައަށް މިވީ މުއްދަތުގެ ތެރޭގައި މާ ބޮޑު ހައްލެއް ހޯދިފައެއް ނުވެ އެވެ. ވިޔަފާރި ބަނދަރު އެއްވަރެއްގައި އޮތްއިރު ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ނިސްބަތް އަންނަނީ ކޮންމެ އަހަރަކުހެން އެތައް ގުނައަކުން އިތުރުވަމުންނެވެ.
އެގޮތުން، އޭރު މަހެއްގެ މައްޗަށް ހާހެއްހާ ކޮންޓެއިނަރު ވެސް ރާއްޖެއަށް ނުގެންނައިރު މިހާރު އެ އަދަދު ހުރީ 6،500 އިން މަތީގަ އެވެ.
މާލެއަށް ބަނދަރުކުރާ އާގުބޯޓަކުން މުދާ ހުސްކުރަން 17 ދުވަސް, ވިޔަފާރިތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް! މާލެއަށް ބަނދަރުކުރާ އާގުބޯޓަކުން މުދާ ހުސްކުރަން 17 ދުވަސް, ވިޔަފާރިތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ