ޓީ20 ވޯލްްޑް ކަޕްގައި ބަންގްލަދޭޝްގެ މެޗުތައް އިންޑިއާ އިން ސްރީ ލަންކާ އަށް ބަދަލުކުރަން ހުށަހަޅަނީ ޓީ20 ވޯލްްޑް ކަޕްގައި ބަންގްލަދޭޝްގެ މެޗުތައް އިންޑިއާ އިން ސްރީ ލަންކާ އަށް ބަދަލުކުރަން ހުށަހަޅަނީ

ޑާކާ، ބަންގްލަދޭޝް (ޖެނުއަރީ 4) - އަންނަ މަހު ފަށާ ޓީ20 ވޯލްޑް ކަޕްގައި ބަންގްލަދޭޝް ކުޅެން އޮތް މެޗުތައް އިންޑިއާގެ ބަދަލުގައި ސްރީ ލަންކާގައި ކުޅޭ ގޮތަށް ބަދަލުކުރަން ބަންގްލަދޭޝްގެ ކްރިކެޓް ބޯޑް (ބީސީބީ) އިން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ. އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އައިސީސީ އަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ބަންގްލަދޭޝް އިން މި ގޮތަށް އަމަލުކުރަން ނިންމީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން، އެ ޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އަންގައިގެން، އެ ގޮތަށް އަމަލުކުރުމުންނެވެ.
ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް، މިދިޔަ މަހުގެ އޯކްޝަނުގައި، ކޭކޭއާރް އިން މުސްތަފިޒުރް ގަތީ އެއް ލައްކަ ޑޮލަރު ދީފަ އެވެ. އެކަމަކު، ބީސީސީއައި އިން އެންގުމުން ކޭކޭއާރް އިން ވަނީ މުސްތަފިޒުރް ޓީމުން ބާކީކޮށްފަ އެވެ. މުސްތަފިޒުރް ޓީމުން އުނިކުރަން ކޭކޭއާރް އަަށް ބީސީސީއައި މެދުވެރިކޮށް އެންގީ އިންޑިއާގެ ސަރުކާރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، ބަންގްލަދޭޝް އާއި އިންޑިއާގައި މި ވަގުތު ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންގެ މެދުގައި، ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ދިމާކޮށް، މުސްތަފިޒުރްއާ ދެކޮޅަށް އިންޑިއާގެ ސިޔާސީ ފަރާތްތަކުން ޝުއޫރުފާޅުކުރަން ފެށުމުންނެވެ. އަދި، ކަލްކަތާގެ އެއް ހިއްސާދާރު، މަޝްހޫރު ފިލްމީ ތަރި، ޝާރުކް ހާން އަށް ވެސް ވަނީ ކޭކޭއާރް އިން މުސްތަފިޒުރް ގެންނަން ނިންމުމުން ފާޑުކިޔުން އަމާޒުވެފަ އެވެ.
އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ގޯސްވަމުން އަންނައިރު، ޓީ20 ވޯލްޑް ކަޕްގައި ބަންގްލަދޭޝްގެ މެޗުތައް ލަންކާ އަށް ބަދަލުކުރަަން ބީސީބީން އައިސީސީ އަށް ހުށަހަޅާނެކަން އިއުލާނުކުރީ، ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ އެޑްވައިޒަރު، އާސިފް ނަޒްރުލް އެވެ.
އައިސީސީ އަށް މިކަން ހުށަހެޅުމާ މެދު ބީސީބީން ގޮތެއް ފައިނަލް ކުރާނީ މިއަދު ބާއްވާ ބައްދަލުވުމެއްގައި ކަމަށް ބީސީބީގެ ރައީސް، އަމީނުލް ބުލްބުލް ވަނީ ވިދާޅުވެފަ އެވެ.
ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ