ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ސަރުކާރުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލު ނިންމަން ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފަ އެވެ. އަދި އެ ޖަލްސާގައި ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހަޅައި ބަހުސް ނިންމައި އަދި ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލުމުގެ ކުރިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދައުރުން ބޭަރުން ޖަލްސާއެއް ބޭއްވީ މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން 31 މެންބަރުން ސޮއިކުރައްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އަދި އެ ހުށަހެޅުމުގައި ފަސް މަސައްކަތެއް ކުރުމަށް ހިމަނާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެ 31 މެންބަރުން އެދިވަޑައިގެންފައިފައިވަނީ އެ ފަސް ކަންތައް ކުރުމަށް ޖަލްސާތަކެއް ނުވަތަ ޖަލްސާތަކެއް ބޭއްވުމަށް. އެދިވަޑައިގެންނެވި ކަންތައްތައް މިހާރު ވަނީ ކޮމިޓީ މަރުހަލާއަށް ދަތުރުކޮށްފައި،" ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވީމަ ކޮމިޓީ މަރުހަލާ ނިމުމުން އަދި އިތުރު ޖަލްސާއެއް ބާއްވާނަން."
އެ ޖަލްސާ ބާއްވާނެ ތާރީހެއް އަބްދުއްރަހީމް ވިދާޅެއް ނުވެ އެވެ.
ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން، އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރަން އުޅޭތީ މިއަދު ބަހުސްގައި އެމްޑީޕީ މެންބަރުން ވަނީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެ ފާޑުކިޔުންތަކަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވީ، މިދަނޑިވަޅު އެ އިސްލާހު ހުށަހެޅުއްވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެކަމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބޭނުންވާތީ ކަމަށެވެ.
ގުޅުން ހުރި - ގާނޫނުއަސާސީގެ އިސްލާހުގެ އިތުރުން ދެން މިއަދު ކޮމިޓީއަށް ފޮނުވީ ދެ ބިލެކެވެ. އެއީ، ޕެންޝަން ގާނޫނު އަދި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުވެ ބިލެވެ.
އޭގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ކުރީގެ މިނިސްތަރު ޑރ. އައިޝަތު ރަމީލާ އައްޔަން ކުރުމަށް ވެސް ރައީސް ފޮނުއްވި ސިޓީގެ މައްސަލަ ވެސް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
ގާނޫނުއަސާސީ އިސްލާހުގެ ބިލު ނިންމަން ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ