ދެހާސް ހަތަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރާ 'ޖެނެރޭޝަނަލް ބޭން'އަށް އަމަލު ކުރަން ފެށިތާ ދެ މަސްވެފައިވާއިރު އޭގެ އަސަރު މަޑުމަޑުން ފެންނަން ފަށާފައިވާ ކަން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ފާހަގަކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ސިއްހީ ދާއިރާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ 'ބިހޭވިއަރަލް' ނުވަތަ މީހުންގެ ދިރިއުޅުމާ ގުޅުން ހުރި ކަމަކަށް ވުމުން ބަދަލު ފެންނަން ދުވަސް ނަގާނެ ކަމަށެވެ. އެކަމަކު މީހުންގެ ވާހަކަތަކަށް ބަލާއިރު އޭގެ އަސަރު ފެންނަން ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "މީގެ ސައިންޓިފިކް ސްޓަޑީއެއް އަދި ހެދިފައި ނެތަސް، ވަރަށް ގިނަ މީހުން ބައްދަލުކޮށްފައި ވެސް ބުނޭ، މިސްކިތަށް އަރާލީމަ ވެސް މިހާރު ސިނގިރޭޓުގެ ވަސް މަޑޭ. މި ފިޔަވަޅާ އެކު ވަރަށް ގިނަ މީހުންނަށް އެބަ ބަދަލު އާދެއޭ، ވަރަށް ގިނަ މީހުން ވިސްނައޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުންފަތް ބޭނުން ކުރުމާ ދެކޮޅަށް ސަރުކާރުން މިހާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކައި، އެޖެންޑާގައި ހިމަނައިގެން ފިޔަވަޅު އަޅާތީ ކުރިއެރުންތައް ލިބޭ ކަމަށެވެ. އަދި މީހުންގެ ތައުރީފް ވެސް އެކަމަށް ލިބޭ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިއްމު - މިދިޔަ ނޮވެމްބަރު މަހުން ފެށިގެން، ރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ އެންމެންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް އޮންނަނީ ގާނޫނަކުން މަނާކޮށްފަ އެވެ.
އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ބައިވެރިކުރުން ވެސް މަނަލެވެ.
މި ޖެނެރޭޝަނަލް ބޭންއަށް އެހީއެއްގެ ގޮތުން، ސަރުކާރުން މިހާރު އަންނަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ސިޒޭޝަން ކްލިނިކްތައް ވެސް ހިންގަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކޮށްފައި ހުންނަ ފެސިލިޓީތަކުން ލިބޭނެ ކަމަށާއި އެކަމަށް ބޭނުންވާ ގަމާއި ޕެޗް ވެސް އާސަންދައިގެ ދަށުން ހިލޭ ހިލޭނެ ކަމަށެވެ. އަދި މި ހިދުމަތް މިހާރު ވެސް ވަރަށް ގިނަ ބަޔަކު ހޯދަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭންގެ އަސަރު ފެންނަން ފަށައިފި: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ