ގުޅީފަޅު ބަނދަރުގެ އަނގަމައްޗަށް ބޮޑު ދެ ބާޖު ލައްވެ، ލަފާފުރުން ބޮޑު ތުރާލަކަށް ގުޅީފަޅު ބަނދަރުގެ އަނގަމައްޗަށް ބޮޑު ދެ ބާޖު ލައްވެ، ލަފާފުރުން ބޮޑު ތުރާލަކަށް

ގުޅީފަޅު ބަނދަރުގެ އަނގަމައްޗަށް ވާގޮތަށް ބޮޑު މާސިންގާ ދެ ބާޖު ލައްގާފައި އޮތުމުން، ގުޅީފަޅުން މުދާ އުފުލުމާއި ލަފާފުރުމުގެ ކަންކަން އިންތިހާއަށް ދަތިވެފައިވާ ކަމަށް ބުނެ އެ ތަނުގައި ގުދަންތައް ހަދައިގެން ބޭނުންކުރަމުން އަންނަ ވިޔަފާރިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.
މިހާތަނަށް ބެލިބެލުމުން އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަނުން އެއް ބާޖަކީ މީގެ ގާތްގަނޑަށް މަސް ދުވަސް ކުރިން ފެށިގެން އެ ސަރަހައްދަށް ބީހިފައި އޮތް ބާޖެކެވެ. އޭރު ޓަގުބޯޓެއް ބޭނުންކޮށްގެން މި ބާޖު ފުންކުރަން މަސައްކަތްކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ލިބުނެވެ.
އަނެއް ބާޖަކީ ވެސް މީގެ ދުވަސްތަކެއް ކުރިން ގުޅީފަޅަށް މުދާ ހިފައިގެން ދިޔަ ބާޖެކެވެ. މި ދެ ބާޖުގައި ވެސް ކޮންމެ ވެސް ވަރަކަށް މުދާ އެބަހުއްޓެވެ. އެކަމަކު، މިއީ ކޮން ބަޔެއްގެ ބާޖުތަކެއް ކަމެއް ދެނެގަނެވޭ ގޮތެއް އަދި ނުވެ އެވެ.
ގުޅީފަޅުގައި ގުދަނެއް ހިންގާ ވިޔަފާރިވެރިޔަކު ނަން ނުޖަހާ ގޮތަށް މައުލޫމާތު ދެމުން ބުނީ، ލޯންޗެއް ފިޔަވައި އެހެން އެއްވެސް އުޅަނދަކަށް މިހާރު ގުޅީފަޅަށް ނުވަދެވޭ ކަމަށެވެ. އެ ރަށުން މުދާ ބާލަން ވެސް މިހާރު ބޭނުންކުރަމުން އަންނަނީ ލޯންޗުފަހަރު ކަމަށް ވެސް އޭނާ ބުންޏެވެ.
"ގުޅީފަޅު ފެރީ ވެސް ހުއްޓާލާފަ އޮތީ. މުދާ ގެންދަން ދޯންޏަކަށް ކައިރިނުކުރެވޭ. މިހާރު ތިން ވަނަ ދުވަސް މިއީ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.
ގުޅީފަޅު އޮންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގަ އެވެ. މި ނޫހާ ވާހަކަ ދެއްކި މީހާ ބުނީ، ގުޅީފަޅުގައި ހުންނަ އެޗްޑީސީގެ އިސްމީހާއާ ވާހަކަ ދެއްކުމުން އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނި ކަމަށެވެ.
މައުލޫމާތު ލިބުނު ގޮތުގައި އިއްޔެ އެ ސަރަހައްދުގައި ފުލުހުންގެ ލޯންޗަކާއި އެމްޕީއެލްގެ ޓަގުބޯޓެއް ހަރަކާތްތެރިވި އެވެ. ނަމަވެސް މިއަދު ހެނދުނު އެ ސަރަހައްދަށް ދިޔަ އިރު، ބާޖު އޮތީ އަރިއަކަށް، އެއް ފަޅި އަޑީގައި ކަމަށް ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ހަބަރު ޝާއިއުކުރުމާ ހަމައަށް އެ ކުންފުނީގެ މީޑީއާ އޮފިޝަލްގެ ބަހެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ