ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނަށް މެމްބަރުން އައްޔަނުކޮށްފި ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނަށް މެމްބަރުން އައްޔަނުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރެފްރީސް ކޮމިޝަނަށް ވަނީ މެމްބަރުން އައްޔަނުކޮށްފި އެވެ.
ވީއޭއެމް އިން މައުލޫމާތުދީފައިވާ ގޮތުގައި، ކޮމިޝަނުގައި މި ފަހަރު ޗެއާމަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ހުސެއިން ހަމީދު އެވެ. އޭގެ އިތުރުން، ދެން ކޮމިޝަން މެމްބަރުންގެ ގޮތުގައި މަސައްކަތްކުރާނީ، ހަސަން ސިމާދު، މުހައްމަދު އަނީސް، ހައްވާ ރަޝީދާ އަދި، އަލީ ޝާކިރު އެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ލަތީފް ވަނީ، އަލަށް އައްޔަނުކުރެވުނު ރެފްރީސް ކޮމިޝަން މެމްބަރުންނަށް މަރުހަބާ ކިޔައިފަ އެވެ. އަދި، ކުރިން ރެފްރީސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ފަރާތްތައް ކޮށްދިން ހިދުމަތަށް ލަތީފް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަލަށް އައްޔަނުކުރި، ރެފްރީސް ކޮމިޝަންގެ މެމްބަރުންނަށް ބަލާއިރު، ރާއްޖޭގެ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ހިމެނެ އެވެ. އެކަަމަކު، މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީންގެ ކަންކަމުގައި އިސްކޮށް ފެނިގެންދިޔަ، ތަޖުރިބާކާރު ރެފްރީން ކަމަށްވާ، އަހުމަދު ނަޝީދު (ތުއްތުކޯ) އާއި އަހުމަދު ސަލީމް (ކުނޑި) މި ފަހަރުގެ ކޮމިޓީގައި ނުހިމެނެ އެވެ.
މިދިޔަ ފެބްރުއަރީ މަހު، ވީއޭއެމް އިން ވަނީ އިތުރު ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ލަތީފް އިންތިހާބުކޮށްފަ އެވެ. މިދިޔަ މަހުގެ އެއް ވަނަ ދުވަހު، ލަތީފްގެ މި ދައުރުގެ މުއްދަތު ފެށުނުއިރު، މިއީ، އޭނާ ވީއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަ ތިން ވަނަ ދައުރެވެ.
ލަތީފް، އެންމެ ފުރަތަމަ ވޮލީ އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވީ 2016 އަހަރު އެވެ. އެ އަހަރުން ފެށިގެން 2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.
އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. ރަނޭ، މިދިޔަ އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހު އިސްތިއުފާ ދިނުމުން، އޭނާގެ ދައުރުގެ ބާކީ އޮތް އަހަރަށް ލަތީފް އިންތިހާބުވީ، މިދިޔަ އަހަރު އެވެ.
އަދި، މިިދިޔަ މަހު ވީއޭއެމްގައި، ލަތީފްގެ އާ ދައުރުގެ މުއްދަތު ފެށިއިރު، އޭނާ އަކީ، އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ އެގްޒެކްޓިވް ނައިބު ރައީސްގެ އިތުރުން، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސް ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ