އަދުނާން ސާމީ ބުނީ 'އޯލް އިޒް ވެލް'އޭ

މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާނު ސާމީ އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމަށް ލޯންޗުކުރި 'އޮޕަރޭޝަން ސިންދޫރު'އަށް ފުރިހަމައަށް ތަރުހީބުކުރާ ކަމަށް ބުނެފިއެވެ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އާއްމުންގެ މަގުބޫލުކަން ހޯދި އަދުނާނު ސާމީއަކީ ޕާކިސްތާނަށް އުފަން މީހެކެވެ. އަދުނާނު ސާމީ އިންޑިއާގެ ރައްޔިތަކަށް ބަދަލުވެފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އިންޑިއާއިން ލޯންޗުކުރި 'އޮޕަރޭޝަން ސިނަދޫރަ'އާ ގުޅިގެން އަދުނާނު ސާމީ ބުނެފައިވަނީ، މިއީ އިންޑިއާގެ އަސްކަރިއްޔާއިން ޕާކިސްތާނުގައި ކޭމްޕު ޖަހައިގެން ފިލައިގެން ތިބި ނުވަ ޓެރަރިސްޓުންނަށް އަމާޒުކޮށްފައިވާ އޮޕަރޭޝަންއެއް ކަމަށެވެ. އަދުނާނު ސާމީ ހުރި އިންޑިއާގެ އަސްކަރިއްޔާއާ އެކު ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ. އަދުނާނު ސާމީ ދުބާއީގައި ބޭއްވި މިއުޒިކް ޝޯއެއްގައި ލަވައެއް ހުށަހަޅައިދެނީ--ފޮޓޯ/ވާޗުއަލްއެކްސްޕޯދުބާއީ މި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ނޫސް ރިޕޯޓަރުން ތިބޭނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭ ކަމަށާއި ނަމަވެސް އެ ނޫސް ރިޕޯޓަރުންނަށް ބުނެލަން އޮތީ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށާއި "އޯލް އިޒް ވެލް" ކަމަށް އަދުނާނު ވަނީ ބުނެފައެވެ. އިންޑިއާގެ މި އޮޕަރޭޝަން ތަރުހީބުދީ ސޯޝަލް މީޑިއާގައި އެކަން އިއުލާނުކުރުމުގެ ކުރިން އަޒަބައިޖާންގެ ބަކޫގެ މަގުމަތިން އޭނާއާ ޕާކިސްތާނުގެ ކުދިންތަކަކާ ދިމާވި ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. އެ ކުދިން އަދުނާނު ގާތުގައި ބުނެފައިވަނީ ޕާކިސްތާނުގެ ރައްޔިތުކަން އޭނާ ދޫކޮށްލާފައިވަނީ އެންމެ ރަނގަޅު ދަނޑިވަޅުގައި ކަމަށާއި އަދުނާނަކީ ވަރަށް ނަސީބު ގަދަ މީހެއް ކަމަށެވެ. އެ ކުދިން ވެސް ބޭނުން ވަނީ ޕާކިސްތާނުގެ ރައްޔިތުކަން ދޫކޮށްލަން ކަމަށާއި ޕާކިސްތާނުގެ އަސްކަރީ އޮފިސަރުން ދެކެ އެ ކުދިން އިންތިހާއަށް ނަފުރަތުކުރާ ކަމަށާއި މުޅި ޕާކިސްތާނުގެ މަސްރަހު އެ ޤައުމުގެ އަސްކަރިއްޔާއިން ހަލާކުކޮށްލާފައިވާ ކަމަށް އަދުނާނު ގާތު އެކުދިން ބުނެފައިވާ ކަމަށް އޭނާގެ އެކްސް ޕޯސްޓުގައި ވަނީ ބުނެފައެވެ. އިންޑިއާއިން ޕާކިސްތާނަށް ދެމުން ގެންދާ ހަމަލާތަކާ އެއްކޮޅަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވާހަކަ ދައްކާ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންދާއިރު ޕާކިސްތާނުގެ ފިލްމީ ތަރިން ވަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ މީހުންނަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް މުޅިން ދެ މޫނުގެ ވެރިން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ