ބީޑަބްލިއުއެފުން ސަސްޕެންޝަނަށް އަމަލުކުރަން ފަށައި ރާއްޖޭގެ ކުޅުންތެރިން ޔޫރަޕް މުބާރާތްތަކުން ބާކީކޮށްފި ބީޑަބްލިއުއެފުން ސަސްޕެންޝަނަށް އަމަލުކުރަން ފަށައި ރާއްޖޭގެ ކުޅުންތެރިން ޔޫރަޕް މުބާރާތްތަކުން ބާކީކޮށްފި

ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ އެސޯސިއޭޝަން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑްކުރަން ނިންމި ނިންމުމަށް އަމަލުކުރަން ފަށައި، ރާއްޖޭގެ ކުޅުންތެރިން ޔޫރަޕްގެ ދެ މުބާރާތަކުން ބާކީކޮށްފި އެވެ.
ބީޑަބްލިއުއެފް އިން މި މަހު 16 ވަނަ ދުވަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމިކަން ވަނީ އަންގައިފަ އެވެ. އެކަމަކު، ބީޑަބްލިއުއެފް އިން ރަސްމީކޮށް، ރާއްޖެ ސަސްޕެންޑްކުރިކަން އަންގައި، އިއުލާނުކުރީ މި މަހު 20 ވަނަ ދުވަހު އެވެ.
ބީއޭއެމް ސަސްޕެންޑްކުރަން ނިންމުމުގައި ބީޑަބްލިއުއެފް އިން ބަލާފައިވަނީ، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު ގުޅިގެން ނިންމާފައިވާ ގޮތަށް، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއްގެ ދަށަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ކަންކަން ގެންދިއުމަކީ ނުފޫޒު ފޯރުވުން ކަމަށް ދޭހަވާތީ އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިއްޔަތު ނަގައިފަ އެވެ. މި ގޮތަށް ނިންމާފައިވަނީ، ބީޑަބްލިއުއެފްގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުންނެވެ. ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމީ އެވެ.
ބީއޭއެމް ސަސްޕެންޑްކުރިކަން އަންގައި، ބީޑަބްލިއުއެފް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ސަސްޕެންޝަނުގައި މި އޮތް މުއްދަތުގައި، ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ބީޑަބްލިއުއެފް އިން ރުހުންދޭ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. އަދި، ބީޑަބްލިއުއެފް އިން މަސައްކަތް ކުރަމުންދަނީ، އެންމެ ފަހުން ބީއޭއެމްގައި އޮތް އިންތިހާބީ ހިންގާ ކޮމިޓީ އާއި އޮލިމްޕިކް ކޮމިޓީ އަދި ސަރުކާރު ގުޅިގެން، ސަސްޕެންޝަން ހާލަތުން ރާއްޖެ އަރައިގަތުމަށް ކަމަށެވެ.
ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، އަންނަ މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުގައި ވާދަކުރަން އެންޓްްރީ ހަދައި، ބައިވެރިވުން ޔަގީންކޮށްފައި އޮތް ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ބާކީކޮށްފަ އެވެ.
ބައިނަލްއަގުވާމީ ރޭންކިން ޕޮއިންޓަށް ޓާގެޓްކޮށް، ޔޫރަޕްގެ ދެ މުބާރާތެއްގައި ވާދަކުރަން ތައްޔާރުވަމުން އައި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނަށް ސަސްޕެންޝަން ހާލަތުގެ ސަބަބުން މި ވަނީ މުހިންމު ފުރުސަތެއް ގެއްލިފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ