ފަސް ގަޑިއިރަށް ފަހު މުޅި މާލެއަށް ކަރަންޓު ދީފި

މިއަދު މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނުތާ ފަސް ގަޑިއިރު ފަހުން، ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފިއެވެ. ކަރަންޓު ވިއުގައަކުން ގުޅުވައިފައިވާ، މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހިން އެއް ފަހަރާ ކަރަންޓު ކެނޑުނީ މިއަދު 12:35 އެހާކަންހާއިރެވެ. އޭގެ ފަހުން ސްޓެލްކޯއިން އެންމެ ފުރަތަމަ ކަރަންޓު ދޭން ފެށީ މުހިންމު ޚިދުމަތްތައް ދޭ ތަންތަން ކަމަށްވާ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށެވެ. އެއަށްފަހު މާލެއާއި ހުޅުމާލެއަށް ކަރަންޓު ދޭން ފަށައި، އެ ކުންފުނިން 15:40ހާއިރު ވަނީ މާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދީފައިވާ ކަމަށް ބުނެފައެވެ. ހުޅުމާލޭގެ އިންޖީނުގެއަށް ދިމާވި މައްސަލަ ހައްލުކޮށް، އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނީ 16:22 ހާއިރެވެ. އެންމެ ފަހުން ކަރަންޓު ދިން ކަމަށް ބެލެވެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށެވެ. ސްޓެލްކޯއިން 18:13ހާއިރު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެހާތަނަށް މުޅި މާލެއަށް ކަރަންޓު ދީ، ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއް ފިޔަވައި ހުރިހާ ޓްރާންސްފޯމަރެއް ވަނީ ޖައްސައިފައެވެ. އެ ކުންފުނިން ވަނީ އެހެން ސަރަހައްދުތަކަށް ކަރަންޓު ލިބިފައިނުވާ ނަމަ ސްޓެލްކޯގެ އެމާޖެންސީ ނަންބަރު 104އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އެ މައްސަލައާ ގުޅިގެން ސްޓެލްކޯއިން ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ކަރަންޓު ކެނޑެން ދިމާވީ އިންޓަ ކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެކަމަކު، ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ އިކުއިޕްމެންޓަށް ގެއްލުންވެފައިވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށާއި މާލޭގައި އެއްކޮށް ކަރަންޓު ދިޔުން ނުވަތަ 'ޓޯޓަލް ބްލެކްއައުޓް'އަކަށް ދިޔުމަކީ ނާދިރު ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންވެ، ފުލުހުން ވަނީ މި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފައެވެ. ހަކަތައާއި ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވެސް ވަނީ މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މުޅި މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި ސީދާ ސަބަބެއް ހާމަނުކުރި ނަމަވެސް މާ ބޮޑު މައްސަލައެއް ދިމާނުވާ ކަމަށާއި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ