ކުޅުދުއްފުއްޓަށް ދިޔަ ފްލައިޓެއް މޫސުން ގޯސްވެ އެނބުރި މާލެއަށް

މިއަދު ހެނދުނު ހދ. ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއް، މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސި އެނބުރި މާލެ އަތުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - މޯލްޑިވިއަންގެ އެ ބޯޓު ކުޅުދުއްފުއްޓަށް ޖައްސަން އޮތީ މިއަދު ހެނދުނު 9:40ގަ އެވެ.
ބޯޓު ކުޅުދުއްފުށީ ރަންވޭގައި ޖެއްސޭތޯ ގަޑިއިރެއްހާއިރު މަތީގައި އުދުހުނު
ނުޖެއްސުމުން ދެން ބޯޓު އަނބުރާލީ ނ. މާފަރު އެއާޕޯޓުގައި ޖެއްސުމަށް
އެކަމަކު އެ އެއާޕޯޓުގައި ވެސް ނުޖެއްސުމުން ދެން އައީ މާލެއަށް
އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު 11 ޖަހާކަންހާއިރެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނާ ގޮތުގައި، ރާއްޖޭގެ އުތުރަށް މިވަގުތު މޫސުން ވަރަށް ގޯހެވެ.
ކުޅުދުއްފުށީގައި ހުރި މީހަކު ބުނިގޮތުގައި އެ ރަށަށް ވައިބާރުވެފައި ވިއްސާރަ އެވެ.
"މި ގަޑީ ފްލައިޓެއް ޖެއްސޭނެތޯ ވެސް ހިތަށް އެރި. އެހާ ވެސް ވައިގަދަކޮށް އުޅެނީ،" އެއާޕޯޓު ސަރަހައްދުގައި ހުރި މީހާ ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މި ދުވަސްކޮޅު ވައިގަދަވެފައި ކަނޑުތައް ވަރަށް ގަދަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ