ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ އުސޫލު ބަދަލުކުރަން ގަރާރެއް
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އަލުން މުރާޖައާކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފިއެވެ. ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލެއް ކަނޑައެޅިފައިވީ ނަމަވެސް އެ ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން އެ ދެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއް ކަމަށެވެ. އިތުރަށް މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑީގެ ފައިސާ ނުލިބޭކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ތައުލީމީ ދާއިރާއަށް ބަލާއިރު ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސްކޫލު ގަޑިތަކުގެ ބޭރުން ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާ ކަމަށް ގަރާރުގައިވެއެވެ. އަދި، ސިއްހީ ދާއިރާއަށް ބަލާއިރު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އެއް ސަބަބަކީ އެ ދާއިރާގައި ޕޭޝަންޓް-މެޑިކަލް ކެއާޓޭކާ ރޭޝިއޯ ހަމަނުވުން ކަމަށް އެ ގަރާރުގައިވެއެވެ. އެ ކަމަށް ހައްލެއްގެ ގޮތުގައި ގަރާރުގައި ފާހަގަކޮށްފައިވަނީ ދެ ދާއިރާއަށް ވެސް މުވައްޒަފުން އިތުރުކުރުމެވެ. ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް: ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ އުސޫލު ބަދަލުކުރަން ގަރާރެއް ހުށަހަޅައިފި -- ފޮޓޯ/ މަޖިލިސް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބޭނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާކުރަންޖެހޭ ކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. ގަރާރުގައި ވަނީ އެ ދެ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ހާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދަން ގޮވާލައިފައެވެ. އަދި، އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ. މީގެ ކުރިން ވެސް އިތުރު ގަޑީގެ ފައިސާ ނުލިބުމުގެ މައްސަލައިގައި ޖަމިއްޔާތަކުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ