އަމާން މުޖުތަމައެއް ބިނާކުރެވޭނީ އެއްބަނޑު އެއްބަފާ ބަޔަކަށްވެގެން: ޚުތުބާ
އަމާން މުޖުތަމައެއް ބިނާކުރެވޭނީ އެ މުޖުތަމައެއްގެ އަފުރާދުން އެކަކު އަނެކަކާ އެކުވެރިވެ އެއްބަނޑު އެއްބަފާ ބަޔަކަށްވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ކިޔާފައިވަނީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްޗަށެވެ. ޚުތުބާގައި ބުނީ، އެކުވެރިކަމާއި އުޚުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުޢޫރެއް ކަމަށެވެ. އެއީ، އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށާއި ތެދުވެރި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން، އެހީތެރިވުމާއި އިޙުސާސްތައް ދެނެގަތުމާއި އަމިއްލަ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުމާއި، މަޢާފުކުރުން ފަދަ ރިވެތި އަޚުލާޤީ ސިފަތައް އަށަގަންނަ ކަމަށެވެ. އެހެންވެ، އިސްލާމްދީނުގައި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. "މާތް الله އިންސާނުން ހައްދަވައިފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށެވެ. އެހެންކަމުން ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެކެވެ. ވުމާއެކު، މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހެއެވެ. އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެކެވެ،" ޚުތުބާގައި ބުންޏެވެ. މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދިންނާއި، ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެއީ، މާތްﷲ އިންސާނުން އުފެއްދެވީ އެކަކު އަނެކަކަށް އެހީތެރިވެ، އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތްކޮށް އިޖުތިމާއީ ދިރިއުޅުމެއް އުޅޭ ގޮތަށް ކަމަށް ޚުތުބާގައި ބުންޏެވެ. އެ ގޮތުން، އެކަލާނގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން اللهއަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ،" ޚުތުބާގައިވަނީ އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމާއި އޯގާތެރިވުމަށް ވަރަށް ބޮޑަށް ހަނދާންކޮށްދީ ނަސޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ