މިއަދަށް ތާވަލުކުރި ޝަމްއާންގެ އަޑުއެހުން ކެންސަލްކޮށްފި، ކޯޓުން ބުނީ މާދަމާއަށް ފަސްކުރީ ކަމަށް

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން މިއަދަށް ތާވަލުކުރުމަށް ފަހު ހައި ކޯޓުން ކެންސަލްކޮށްފިއެވެ. ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ. ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކުރި އަމުރު އޭނާވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. https://sun.mv/205066 އެ މައްސަލައިގައި އިއްޔެ އަޑުއެހުމެއް ބާއްވާފައިވެއެވެ. ނަމަވެސް އެ ކޯޓުން މިއަދަށް ތާވަލުކުރި ޝަމްއާންގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ހައި ކޯޓުން ބުނީ މާދަމާއަށް އެ މައްސަލަ ތާވަލުކުރާނެ ކަމަށެވެ. އިއްޔެގެ އަޑުއެހުމުގައި ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ޝަމްއާން، ޝަރީއަތް ނިމެންދެން ބަންކޮށް، އަމަލު ކުރަނީ ދުވަހަކު ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ 15 ދުވަހަށް ޝަމްއާން ބަންދުކޮށް އެ މުއްދަތު އިތުރު ކޮށްފައި ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، މި މަރުހަލާ ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތިކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވާ ތަހުގީގީ ދެ އިދަރާއެއްގެ އިހުތިޞާސް ހިނގާ މައްސަލަ ތަކުގައި ހާއްސަ އިހުތިޞާސީ އިދާރާއާ އެ މައްސަލައެއް ތަހުގީގު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަން އެއް ހިންގުމުގެ އުސޫލާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި، މި މައްސަލައިގައި ކޯޓަށް ގޮސްފައި ވަނީ އޭސީސީގެ ބައިވެރިވުމެއް ނެތި ކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުން -- ފޮޓޯ/ ފުލުހުން ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ: މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާއެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ. ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމުން ޝަމްއާން މަގާމުން ވަކިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ