އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ނަޝީދު އަލުން އައުމަށް ތާއީދުކޮށްފި
އެމްޑީޕީއަށް ގެއްލުންވާ ކަންކަން ކޮށްފައިވާ ފަރާތެއް ނޫންނަމަ އަލުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި އެ ފަރާތްތަކަށް އެ ޕާޓީން މަރުހަބާ ވެސް ކިޔާނެ ކަމަށް މިރޭ ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވެއްޖެ އެވެ. އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ކުއްލި ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމީ ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން އިއްޔެ ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގެންދަވާ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ރާގު ހުރީ ޕާޓީއާ އަލުން ގުޅޭ މެންބަރުންނަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ.އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މާޒީގެ އަޅުންނަށް ވެގެން ތިބުމުގެ ބަދަލުގައި ނަޝީދާއި އެމަނިކުފާނާއެކު އެނބުރި ވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ކިޔަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ. އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ވެސް ވަނީ ކުރީގެ ކަންކަން އިޔާދަ ނުވާނެހެން ޕާޓީ ބޮޑުކުރަން ފެންނަ ކަމަށް ވިދާޅުވެފަ އެވެ.އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އެ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ.އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ. މިރޭގެ ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި ކުޑަހުވަދޫ ދާއިރާގެ ރައީސް ސާތިރު އަބްދުލް ރަހުމާން ވެސް ވަނީ ޕާޓީއާ ގުޅެން ބޭނުންވާ ހުރިހާ އެންމެނަށް މަރުހަބާ ކިޔަން ވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ކުރިއަށް އޮތް އިންތިހާބުތައް ޕާޓީއަށް ކާމިޔާބު ކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ވެސް ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ