ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ބުނެފިއެވެ. އެ އިދާރާއިން 'ސަން'އަށް ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން، އުތުރުގެ އަތޮޅުތަކަށް ހުޅަނގާ ހުޅަނގު އުތުރުން ވައި ޖެހޭނީ ގަޑިއަޑު ފަސް މޭލާއި 15 މޭލުގެ ބާރު މިނުގައި ކަމަށާއި މެދުރާއްޖެތެރެއާ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ދިހަ މޭލާ 20 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި މެދުރާއްޖެތެރެއާ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ވަނީ ބުނެފައެވެ. "ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވެނީ. [މިމަހު] 28، 29 އަދި 30 މި ހިސާބުގައި އަދި ހަމަ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ" މެޓުން ބުންޏެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިވަގުތު ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައި ވަނީ ވެސް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީއެވެ. https://x.com/MetMaldives/status/1916510624621748253 ފާހަގަކުރެވޭ ގޮތުގައި، ރެއިން ފެށިގެން މާލެއަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އެހެންކަމުން، ފެންބޮޑުވެދާނެ ކަމަށް ކުރިއާލާ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް މެޓުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ