ކުޑަކުދިން ބަންދުކޮށް އަދި ރިހެބިލިޓޭޓު ކުރަން އުތުރުތިލަފަޅުގައި "ހޯޕް އައިލެންޑް" ގެ ނަމުގައި އަޅަން ނިންމި ސެންޓަރު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ހޯމް މިނިސްޓްރީ އިން މިރޭ އިއުލާނުކޮށްފި އެވެ.
ހޯމް މިނިސްޓްރީ އިން ގެޒެޓު ކުރި އިއުލާނުގައި ބުނެފައި ވަނީ ދ. ވާނީ އާއި އެ ރަށް ކައިރީގައި އޮންނަ ދެ ފަޅު ލިބޭ ގޮތަށް ސެންޓަރު ތަރައްގީ ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއިރުން އުތުރުތިލަފަޅު ހިއްކުމާއެކު މުޅި ސެންޓަރު ބިނާ ކުރަންޖެހޭނެ އެވެ. ހިއްކަން ޖެހެނީ 15 ހެކްޓަރެވެ.
ދެ ވަނަ ގޮތަކީ، އުތުރުތިލަފަޅު ހިއްކުން ނުހިމެނޭ ގޮތަށް ކުޑަކުދިންގެ ސެންޓަރުގެ ހުރިހާ ބިނާއެއް އެޅުމެވެ. އެއިރުން ލިބޭނީ ވާނީ ކައިރީގައި އޮންނަ ދެ ފަޅު އެކަންޏެވެ. ތިން ވަނަ ގޮތަކީ އުތުރުތިލަފަޅުން އެއް ބައި ހިއްކުމާއެކު ސެންޓަރުގެ އެއް ބައި ބިނާ ކުރުމެވެ. އެއިރުން ފަޅު ލިބޭނީ ވިޔަފާރިއަށް ބޭނުން ކުރުމަށެވެ.
ކުޑަކުދިންގެ ސެންޓަރަށް އިންވެސްޓު ކުރެވިދާނެ ހަތަރު ވަނަ ގޮތެއް ވެސް ހޯމް މިނިސްޓްރީން ދެއްކި އެވެ. އެއީ ސެންޓަރުގެ ބައެއް ބައިތައް މެނޭޖް ކުރުމެވެ. އޭގެ ބަދަލުގައި ލިބޭނެ އެއްޗެއް މިނިސްޓްރީ އިން ނުބުނެ އެވެ.
ސެންޓަރު އަޅާ ބަޔަކަށް ދޭން ނިންމި ވާނީއަކީ، ކުޑަކުދިން ބަންދު ކުރާ ސެންޓަރު ކުރިން އަޅަން ނިންމި ރަށެވެ. ނަމަވެސް އެ ތަން އުތުރުތިލަފަޅަށް ބަދަލު ކުރަން ނިންމީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
ކުޑަކުދިންގެ ސެންޓަރު ހަދަނީ އެތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހިމަނައިގެން 700 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. ކުޑަކުދިން ބަންދު ކުރާނެ ތަންތަނާއި ދިރިއުޅޭނެ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި އާއިލާއިން ޒިޔާރަތް ކުރާއިރު ބައްދަލު ކުރާނެ ތަންތަނާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލެއް އެތަނުގައި އަޅާނެ އެވެ.
އެ މަސައްކަތާ ހަވާލުވާ ބަޔަކު، މަދުވެގެން ހަތް މަސްދުވަސް ތެރޭގައި މަސައްކަތް ފަށަންޖެހެ އެވެ. ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ހަ މަސްދުވަސް ތެރޭގައި ފަޅު ހިއްކައި ނިންމަންޖެހެ އެވެ. އަދި މުޅި ޕްރޮޖެކްޓު އޮކްޓޯބަރު، 2027، އަށް ނިންމައި ސަރުކާރާ ތަން ހަވާލު ކުރަންޖެހެ އެވެ.
ޕްރޮޖެކްޓު ހަވާލު ކުރާނެ ބަޔަކު ބަލަނީ މާލީ ގާބިލް ކަމާއި ޕްރޮޖެކްޓު ނިންމޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތާއި ޕްރޮޖެކްޓު ކުރިއަށްގެންދަން ރާވާ ގޮތުގެ މައްޗަށެވެ. އެންމެ ގިނަ މާކްސް ލިބެނީ މާލީ ގާބިލްކަން ހުރި މިންވަރަށެވެ. އެއީ 50 ޕޮއިންޓެވެ. އަނެއް ދެ ބަޔަށް ލިބެނީ ކޮންމެ ބަޔަކަށް 25 ޕޮއިންޓެވެ.
ސަރުކާރުން ކުރިން ބުނެފައި އޮތީ ކުޑަކުދިން ބަންދު ކުރާ ސެންޓަރުގައި ތިބޭ ކުދިންނަށް 18 އަހަރުވުމުން އަސްކަރީ ހިދުމަތަށް ނުވަތަ ފުލުހުންގެ ހިދުމަތަށް ނެރޭނެ ކަމަށެވެ. އަދި ކުށުގެ ޒިންމާ އުފުލަންޖޭ އުމުރު 12 އަހަރަށް ތިރި ކުރަން ވެސް ސަރުކާރުން ބޭނުންވެ އެވެ.
ކުޑަކުދިން ބަންދު ކުރާ ސެންޓަރުގެ އިތުރުން، އުތުރުތިލަފަޅުގައި ބޮޑު ޖަލެއް އަޅަން ވެސް ސަރުކާރުން ބޭނުންވެ އެވެ. ޖަލު އަޅަނީ 30 ހެކްޓަރު އުތުރުތިލަފަޅުން ހިއްކައިގެންނެވެ. އަދި އުތުރުތިލަފަޅަކީ މީހުން ދިރިއުޅެން ވެސް ތަރައްގީ ކުރަން ނިންމާފައި އޮތް ތަނެކެވެ.
ކުޑަކުދިން ބަންދު ކުރާ ސެންޓަރު ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ، ބަދަލުގައި ލިބެނީ ވާނީ އާއި ދެ ފަޅު ކުޑަކުދިން ބަންދު ކުރާ ސެންޓަރު ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ، ބަދަލުގައި ލިބެނީ ވާނީ އާއި ދެ ފަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ