ބިލުތަކަށް ފައިސާ ނުދައްކާތީ ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދާ ސްރީ ލަންކާގެ، ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ދަށުން ހިދުމަތް ދިނުން ހުއްޓާލައިފި އެވެ.
ކޮލަމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްސް އަށް ބޭސްފަރުވާ ހޯދުމަށް މިއަދު ދިޔަ އާންމުންގެ ބަޔަކު އަދަދު ނޫހާ ވާހަކަ ދައްކަމުން ބުނީ ހިދުމަތް ހޯދަން ދިޔުމުން އާސަންދަ ނުލިބޭ ކަމަށް ބުނީ ހޮސްޕިޓަލުގެ ސްޓާފުން ކަމަށެވެ.
"އެ މީހުން ބުނީ މިއަދުން ފެށިގެން ހިދުމަތް ހުއްޓާލަން ނިންމާފައޭ ވަނީ. ކީއްވެތޯ އެހުމުން ތަފުސީލު ދެވެން ނެތް ކަމަށް ބުނީ،" އެ ހޮސްޕިޓަލަށް މިއަދު ދިޔަ ބަލި މީހެއްގެ އާއިލާގެ މެންބަރަކު ބުންޏެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ ވިދާޅުވީ، މިފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ލަންކާ ހޮސްޕިޓަލްސް އިން ހިދުމަތް ހުއްޓާލި ސަބަބެއް ވެސް ނޭނގޭ ކަމަށެވެ.
ނަމަވެސް, މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލީ ގިނަ އަދަދެއްގެ ބިލުތަކަކަށް ފައިސާ ނުދައްކާ އޮވެގެންނެވެ. ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު އެތައް މިލިއަނަކަށް އަރާނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދިނެވެ.
ލަންކާ އަކީ ރާއްޖެއިން ބޭރުގައި އެންމެ ބޮޑު ދިވެހި އާބާދީއެއް އޮންނަ އެއް ގައުމެވެ. ބޭސްފަރުވާ ހޯދުމަށް އެ ގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހިންގެ އަދަދު ވެސް މަދެއް ނޫނެވެ.
ލަންކާގެ ހޮސްޕިޓަލަކުން އާސަންދަ ދިނުން ހުއްޓާލާފައިވާއިރު، ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދަ ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އެ ދެ ގައުމުން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް އާސަންދަ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އާސަންދައިގެ ހިންގުން ވަނީ ވަރަށް ބޮޑަށް ދޯދިޔާވެފަ އެވެ. އެގޮތުން، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަޖިލިސް މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސަން އާސަންދައިގެ އޮފީހުގައި ވަނީ ވަކި ޑެސްކެއް ހަމަޖައްސައިފަ އެވެ. އެގޮތަށް ހަމަޖެއްސީ މެންބަރުންގެ ޝަކުވާ ބޮޑުވެގެންނެވެ.
އޭގެ އިތުރުން، ކުރިން އާސަންދައިގެ ދަށުން ލިބުނު ގިނަ ބޭސް މިހާރު ނުލިބޭކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ކެންސަރު އަދި ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުން ދާއިމަށް ކާން ޖެހޭ ބައެއް ބޭސްތައް ހިމެނެ އެވެ. އޭގެ އިތުރުން ވެސް ދިވެހިން ކުރިން ބޭނުން ކުރަމުން އައި ވަރަށް ގިނަ ބޭސްތަކެއް މިހާރު އާސަންދައިގެ ދަށުން ނުލިބެ އެވެ.
ބިލުތަކަށް ފައިސާ ނުދައްކާތީ ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި ބިލުތަކަށް ފައިސާ ނުދައްކާތީ ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ