ބަދުރު ހަނގުރާމަ ހިނގީ މިއަދު
މީގެ 1444 އަހަރު ކުރިން މުސްލިމުން ތިބީ މަދީނާގައި ވަޒަންވެރިވެގެންނެވެ. މުޝްރިކުންގެ އަނިޔާއާއި ތުރާލުން ސަލާމަތްވުމަށް އަމިއްލަ ވަޒަންދޫކޮށް ހިޖުރަކޮށްގެންނެވެ. އެބައިމީހުންގެ ގެދޮރާއި މުދާ މައްކާއަށް ދޫކޮށް ހުސްއަތާ ނުކުތީ އިސްލާމްދީނަށް ނަޞުރު ދެއްވުމަށެވެ. އެ ދީނުގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންތެރިވުމަށެވެ. މާތް ﷲގެ ރުހުން އަދައިގެންނެވެ. އިސްލާމީ ދައުލަތުގެ ބިންގާ މަދީނާގައި ޤާއިމުކުރިތާ އެއް އަހަރު ފަހެވެ. ދެވަނަ އަހަރަށް ގުނަމުން ދިޔަ ހިނދެވެ. އެ އަހަރުގެ ރަމަޟާންމަހެވެ. އެ މަހުގެ 17ވަނަ ދުވަހެވެ. މިއީ އިސްލާމީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވަހެވެ. ދީނުގެ ހިމާޔަތުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ ހިނގި ދުވަހެވެ. އެއީ ބަދުރު ހަނގުރާމައެވެ. 13އަހަރު ވަންދެން މައްކާގައި މުޝްރިކުންގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކަށް ކެތްތެރިވެ ތިބުން ނޫން ގޮތެއް މުސްލިމުންނަށް އަމުރުވެވިގެން ނުވެއެވެ. ހަނގުރާމައިގެ އެއްވެސް އިޒުނައެއް އޭރު އެބައިމީހުންނަށް ލިބިފައެއް ނެތެވެ. މަދީނާއަށް ހިޖުރަކޮށް އިސްލާމީ ދައުލަތް ހިނގައިގަތުމުން، ހަނގުރާމަކުރުމުގެ އިޒުނަ މާތް ﷲ ދެއްވިއެވެ. ﴿أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ﴾ (سورة الحج: ٣٩) މާނައީ: "ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ އިޒުނަދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށް ޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދެއްވުމަށް، ﷲ ކުޅަދުންވަންތަކަން ކަށަވަރެވެ." މަދީނާއިން ނުކުމެވަޑައިގަތުން މުސްލިމުންނައިގެން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބަދުރުގެ މައިދާން ގަސްތުކުރައްވައިގެން މަދީނާއިން ނުކުމެވަޑައިގެންނެވީ ރަމަޟާންމަހުގެ 12ވަނަ ދުވަހުއެވެ. މަދީނާގައި ތިބި މުސްލިމުންނައިގެން އިމާމުވެ ނަމާދުކުރައްވަން ޢައްޔަނުކުރެއްވީ ޢަބްދުﷲ ބިން އުންމު މަކްތޫމެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ނުކުމެވަޑައިގެންނެވި އަބޫ ލުބާބާ އަލްއަންޞާރ، "އައްރައުހާއެވެ" ކިޔުނު ހިސާބުން އަނބުރާ މަދީނާއަށް ފޮނުއްވެވިއެވެ. މި ޞަޙާބީ މަދީނާއަށް ފަނުއްވެވީ މަދީނާގެ ވެރިކަން އެ ވަގުތަށް ހަވާލުކުރައްވައިފައެވެ. މުސްލިމުންގެ ޢަދަދު ބަދުރު ހަނގުރާމައަށް ނުކުމެވަޑައިގެންނެވި ޞަޙާބީންގެ އަދަދަކީ ގާތްގަނޑަކަށް 300އެވެ. ބައެއް ރިވާޔަތްތަކުގައި އެއީ 319ކަމަށާއި އަނެއްބައި ރިވާޔަތްތަކުގައި އެއީ 340 ކަމަށް ވެސް ބުނެވެއެވެ. އަދި 313، 314، 317 މިއީ ވެސް މުސްލިމުންގެ އަދަދާ ބެހޭގޮތުން ހުރި ބައެއް ބުނުންތަކެވެ. މި ލަޝްކަރުގައި އަންޞާރުންގެ ތެރެއިން އައުސް ވަންހައިގެ 61 ބޭކަލަކާއި ޚަޒްރަޖް ވަންހައިގެ 170 ބޭކަލުން ބައިވެރިވެވަޑައިގެން ކަމަށް ތާރީޚުގައި ބަޔާންވެގެން ވެއެވެ. އަދި ބާކީ އަދަދަކީ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި މުހާޖިރުންނެވެ. ލަޝްކަރު ރޭއްވެވުން މުޅި ހަނގުރާމައިގެ އިސްކޮމާންޑަރުކަން ދެއްވީ މުސްޢަބު ބުނު ޢުމައިރަށެވެ. މުސްލިމުންގެ ދިދައަކީ ހުދު ކުލައިގެ ދިދައެކެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އިސްލާމީ ލަޝްކަރު ބެއްސެވީ ދެ ބަޔަކަށެވެ. މުހާޖިރިއްޔަ ބޭކަލުންގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ ޢަލީގެފާނެވެ. ޒައިދު ބިން މުޢާޛަށް ދެއްވީ އަންޞާރިއްޔަ ބޭކަލުންގެ ކޮމާންޑަރުކަމެވެ. ލަޝްކަރުގެ ކަނާތްފަޅިގެ އާރުކާޓީއަކަށް ލެއްވީ ޒުބައިރު ބުނު އަލްޢައްވާމެވެ. އަދި ވައަތު ފަޅީގެ އާރުކާޓީއަކަށް ލެއްވީ މިޤްދާދް ބުނު ޢަމްރެވެ. މުޅި ލަޝްކަރުގައި ވެސް ތިއްބެވީ އަސްވާރުންގެ ދެ މީހުންކަމުން އެކަކު ބެހެއްޓެވީ ލަޝްކަރުގެ ފަހަތް ބެއްލެވުމަށެވެ. އެއީ ޤައިޞް ބުނު އަބީ ސަޢްސަޢާއެވެ. މި ހުރިހާ ބޭކަލުންގެ މައްޗަށް ފަހުގެ އަމުރު ހިނގަވާން ހުއްނެވީ ޙުދު އިތުރު އެކަލޭގެފާނެވެ. ހަނގުރާމަފެށުން މުސްލިމުންގެ ފަރާތުން ފުރަތަމަ ނުކުންނެވީ އަލްއަސްވާދް ބުނު ޢަބްދުލް އަސަދު އަލް މަޚްޒޫމީއެވެ. ބަދުރުގެ ވަޅުން ފެން ހިތްޕަވައިގެން އެނބުރި އައުމަށް ނުވަތަ އެ ކަމުގައި މަރުވެދިޔުމަށް ހުވާކުރައްވައިގެން ލަޝްކަރުން ނުކުމެވަޑައިގެން ބަދުރާ ދިމާއަށް ހިންގެވިއެވެ. އޭނާއާ ކުރިމަތިލީ ހަމްޒާ ބިން ޢަބްދުލް މުއްޠަލިބު (އޭރު އިސްލާމްވެ ވަޑައެއް ނުގަންނަވައެވެ.) ހަމްޒާގެ ހަމަލާއިން އަލްއަސްވާދުގެ ފައިންޕުޅު ބުރިވެ ކަށީގެ މަދު އޮހިއޮހި ހުއްޓެވެ. ދެންވެސް ލޭތަކާ އެކު ބިންމަތީގައި ކޫއްތެމުން ވަޑައިގެންނެވީ ބަދުރުގެ ވަޅާ ދިމާލަށެވެ. އެއީ އެކަލޭގެފާނުގެ ވަޢުދުފުޅު ފުރިހަމަކުރެއްވުމަށެވެ. ހަމްޒާގެ ދެވަނަ ހަމަލާއިން އެކަލޭގެފާނު ޤަތުލުކޮށް ޝަހީދުކޮށްލިއެވެ. މީގެ ރައްދެއްގެ ގޮތުން ޤުރައިޝުންގެ ލަޝްކަރުން 3 މީހަކު ނުކުތެވެ. މި ތިން މީހުންނާ ކުރިމަތިލެއްވުމަށް އަންޞާރިއްޔާ 3 ބޭކަލުން ނުކުންނެވިއެވެ. އެހެނަސް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެދިވަޑައިގެންނެވީ އަންޞާރިއްޔަ ބޭކަލުން ފުރަތަމަ ހަނގުރާމައަށް ނުނިކުންނަވައި އެކަލޭގެފާނުގެ ޢާއިލީ ވަންހައިގެ ބޭކަލުން ނުކުންނެވުމަށެވެ. އެ ގޮތުން މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން 3 ބޭކަލަކު ނެރުއްވިއެވެ. އެބޭކަލުން ކާފިރުންނާ ކުރިމަތިލައްވައި އެ މީހުން މަރައިލިއެވެ. މިތަން ދެކެ ޤުރައިޝުން ވަރަށް ރުޅިގަދަވެ އެންމެން ކަހަލަގޮތަކަށް މުސްލިމުންގެ މައްޗަށް އަރައިގަތެވެ. ﷲގެ މަދަދު މުސްލިމުންގެ ލަޝްކަރަށް ކުއްލި ހަމަލާއެއް ދިންއިރު ކާފިރުންގެ އަދަދަކީ ގާތްގަނޑަކަށް 1000 ހަނގުރާމަވެރިންނެވެ. މުސްލިމުންގެ ތިއްބެވީ 300އެއްހައި ބޭކަލުންނެވެ. އެހެނަސް ﷲގެ ކުޅަދުންވަންތަކަމުން މުސްލިމުންގެ ނަޒަރަށް ކާފިރުންގެ ލަޝްކަރުގެ އަދަދު މަދުކުރައްވައި މުޝްރިކުންގެ ނަޒަރަށް މުސްލިމުންގެ އަދަދު ގިނަކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِذْ يُرِيكُمُوهُمْ إِذِ الْتَقَيْتُمْ فِي أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِي أَعْيُنِهِمْ لِيَقْضِيَ اللَّهُ أَمْرًا كَانَ مَفْعُولًا وَإِلَى اللَّهِ تُرْجَعُ الْأُمُورُ﴾ (الأنفال: ٤٤) މާނައީ: "އަދި ތިޔަބައިމީހުން (ދެ ލަޝްކަރު) ބައްދަލުވީހިނދު، އެކަލާނގެ ތިޔަބައިމީހުންގެ ލޯތަކަށް އެއުރެން މަދު މީސްކޮޅެއްގެ ގޮތުގައި، ދައްކަވައި އަދި އެއުރެންގެ ލޯތަކަށް ތިޔަބައިމީހުން މަދުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއީ އެކަލާނގެ ނިޔާކުރައްވާފައިވާ ކަމެއް ނިމިގެން ދިޔުމަށް ޓަކައެވެ. އަދި އެންމެހާ ކަންތައް ރުޖޫޢަކުރައްވާހުށީ، اﷲގެ ޙަޟްރަތަށެވެ." އާޔަތުގައި އަންގަވާފައިވާ ފަދައިން ފެށުނު އިރު މުސްލިމުންގެ އަދަދު ކާފިރުންނަށް ފެނުނީ މަދުކޮށެވެ. އެއީ އެބައިމީހުން ބިރެއް ނެތި މުސްލިމުންނަށް ހަމަލާދިނުމަށް ދެވުނު ހިތްވަރެކެވެ. އަދި ހަނގުރާމަ ފެށުނުހިނދުން އިސާހިތަކު ކާފިރުންނަށް މުސްލިމުންގެ ލަޝަކަރު ފެންނާންފެށީ ބައި ގިނަ ބޮޑުލަޝްކަރެއްގެ ގޮތުގައެވެ. މުސްލިމުންނާ އެކު ހަނގުރާމަކުރެއްވުމަށް ﷲ މަލާއިކަތުން ފޮނުއްވެވިއެވެ. މަލާއިކަތުންގެ އާރުކާޓީއަކަށް ހުންނެވީ ޖިބްރީލުގެފާނެވެ. އާލްޢިމްރާން ސޫރަތުގެ 123އާއި 124ވަނަ އާޔަތުގައިމާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، ބަދުރު ހަނގުރާމައިގައި ﷲ، ތިޔަބައިމީހުންނަށް ނަޞުރުދެއްވިއެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ޝުކުރުވެރި ވުމަށް ޓަކައެވެ. (އެއީ) ކަލޭގެފާނު މުއުމިނުންނަށް ވިދާޅުވިހިނދުގައެވެ. ބާވައިލައްވައިފައިވާ މަލާއިކަތުންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދުދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟ ހަނގުރާމަ ނިމުނުއިރު މަލާއިކަތުންގެ މަދަދާ އެކު މި ހަނގުރާމައިގައި ކުރި ހޯއްދެވީ މުސްލިމުންގެ ލަޝްކަރެވެ. ޤުރައިޝުންގެ 70 މީހުން ޤަތުލުވި އިރު 70 އެތައް މުޝްރިކުންނެއް ރަހީނު ވެސް ކުރެވުނެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވީ 14 ބޭކަލުންނެވެ. އެއީ މުހާޖިރިއްޔަ 6 ބޭކަލަކާއި އަންޞާރިއްޔަ 8 ބޭކަލުންނެވެ. މި ހުރިހާ ބޭކަލުން ވެސް ފަސްދާނުވެޑުވުނީ ބަދުރުގެ މައިދާނުގައެވެ. އެއްވެސް ބޭކަލަކު އެނޫން ތަނަކަށް ނުގެންދަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ