ކުއްޔަށް ހިފި ސައުންޑު ސިސްޓަމެއް ޔާމީނު ފެކްޝަނުން ވަނީ ގެންގޮސްފައި: މައުމޫން ފެކްޝަން

މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ބާއްވަން އުޅުނު ޖަލްސާއަށް ކުއްޔަށް ހިފާފައިވާ ސައުންޑު ސިސްޓަމެއް ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ގެންގޮސްފައިވާ ކަމަށް މައުމޫނު ފެކްޝަނުން ބުނެފިއެވެ. މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ، ޖަލްސާ ބޭއްވޭނެ ގޮތް ނުވުމުން ސައުންޑު ސިސްޓަމްތައް ދިނުމަށް އެރޭ ޕީޕީއެމް އޮފީސް ކައިރީ ޑިއުޓީގައި ތިބި ފުލުހުންގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް ސައުންޑު ސިސްޓަމް ދިނުމަށް ފުލުހުން އިންކާރުކުރި ކަމަށެވެ. "އެރޭ ޖަލްސާ ނުބޭއްވިގެން މިތާތިބި ދެ ޕޮލިހުން ކައިރީ އަޅުގަނޑުމެން ދެންނެވިން. އަޅުގަނޑުމެންގެ އެއްޗިއްސޭ ވިއްސާރަޔާ އެ ތެމެނީ. އެ އެއްޗިހި އަޅުގަނޑުމެންނަށް ދެއްވާށޭ. ބުނީމަ ނަންބަރެއް ދީފަ ބުނީ ގުޅާލާށޭ. ދެން އަޅުގަނޑުމެން ޕޮލިހުން ދިން ނަންބަރަށް ގުޅީމަ އެބޭފުޅުން ބުނީ ތިމަންނަމެން ނޫނޭ ތަޅު އެޅުވީކީ،" އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ޕިކަޕަކަށް އަރުވައިގެން އެ ސައުންޑު ސިސްޓަމް ގެންދިޔަ މަންޒަރު ރައީސް މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުންނަށް ފެނުނު ކަމަށެވެ. "އަޅުގަނޑުމެން ބަލަންތިއްބައި އެތަކެތި ޕިކަޕަށް އަރުވައިގެން ގެންދިޔައީ،" އޮފިޝަލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ފެކްޝަނުން ގެންދިޔަ ސައުންޑް ސިސްޓަމްގައި ހިމެނެނީ ދެ ސްޕީކަރަކާއި ސައުންޑު މިކްސަރަކާއި އެމްޕްލިފަޔަރެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ ކުއްޔަށްދިން ފަރާތުން ސައުންޑު ސިސްޓަމް ހޯދުމަށް ގުޅަމުން އަންނަ ކަމަށާއި ކަންހިނގިގޮތް އެމީހުންނަށް ވަނީ ކިޔައިދީފައި ކަމަށެވެ. އަދި އެ ސައުންޑު ސިސްޓަމް އަނބުރާ ރައްދު ނުކުރެވިއްޖެނަމަ ރައީސް މައުމޫންގެ ފެކްޝަނުން ބަދަލު ދޭންޖެހޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެ ސައުންޑު ސިސްޓަމް ހޯދުމަށް ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެންމެ ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުންނަށް ގުޅައިގެން ދެންނެވުމުން ވެސް އަދި ޖަވާބެއް ލިބިފައިނުވާ ކަމަށާއި އެ ފެކްޝަނާ ވާހަކަދައްކައިގެން ސައުންޑު ސިސްޓަމް ލިބޭތޯ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު މިރޭ ސަންއަށް ވިދާޅުވީ، އެ ޕާޓީގެ އޮފީހުގައި ޕާޓީގެ ފަރާތުން ކުއްޔަށް ހިފާފައި ހުރި ސްޕީކަރުތަކެއް ހުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް، އެފަދަ އެއްޗެއް ހުރިނަމަ، އެތަކެތި ބަލައި އައުމުން އޭގެ ވެރިފަރާތަށް އެ ތަކެތި ރައްދުކޮށްދެއްވާނޭ ކަމަށެވެ. "ކޯޓުއަމުރުގައިވާ ގޮތުގެ މަތީން ޕާޓީގެ މުސްތަޝާރާ ޕީޕީއެމް ހަވާލުކުރުމަށް އަންގާފައި ވަނިކޮށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެހެން ބަޔަކަށް ޕާޓީގެ ނަމުގައި ތަކެތި ކުއްޔަށް ނެގިދާނޭ ކަމަކަށް. އަދި އެތަނުގައި އެ ވިދާޅުވާ އެެއްޗެއް (ސްޕީކަރު) ހުރިކަންވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޕާޓީގެ އޮފީހުގައި ހުންނާނީ ޕާޓީގެ ތަކެތި. އެހެންވެ އެތަކެތި ގެންދިޔައީ،" ޑރ. ޚަލީލު ވިދާޅުވިއެވެ. "އެހެން މީހެއްގެ ނުވަތަ އެހެން ބައެއްގެ އެއްޗެއް އަޅުގަނޑުމެން ނުހިފަހައްޓާނަން. އެއީ ޕާޓީގެ މެންބަރުން ކަމުގައި ވާނަމަ، އެބޭފުޅުން ހަމަ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން، އެގޮތަށް ކުއްޔަށް ނަންގަވާފައިވާ އެއްޗެއް ހުރިނަމަ އެތަކެތި ގެންދަވަންވީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ