ފޯމުގައި ޓްރާންސްޖެންޑާ އޮޕްޝަނަކަށް އޮތީ ރަނގަޅަށް ބެލިފައި ނެތުމުން: ޣިޔާސުއްދީން ސްކޫލް

އަލަށް ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުން ހުށަހަޅަންޖެހޭ އެޑްމިޝަން ފޯމުގައި ޓްރާންސްޖެންޑާ އޮޕްޝަނަކަށް އޮތީ ރަނގަޅަށް ބެލިފައި ނެތުމުން ކަމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ބުނެފިއެވެ.
މި ފެށޭ ދިރާސީ އައު އަހަރު ޣިޔާސުއްދީން ސްކޫލަށް ގްރޭޑް އެކަކަށް ވަނުމަށް ބޭނުންވާ ދަރިވަރުން ފުރަންޖެހޭ އެޑްމިޝަން ފޯމުގައި ޖިންސު ޖަހަން ޖެހޭބައިގައި ޓްރާންސްޖެންޑާ އަކީ އޮޕްޝަނެއްގެ ގޮތުގައި ހިމަނާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އައިސް އެ ސްކޫލަށް ވަނީ އަމާޒުވެފައެވެ.
މި މައްސަލައާއި ގުޅިގެން އެ ސްކޫލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޑްމިޝަން ފޯމުގައި ޖިންސު ޖަހަން ޖެހޭ ބައިގައި ޓްރާންސްޖެންޑާ އޮޕްޝަނެއްގެ ގޮތުގައި އޮތީ އިންޑިއާ އާއި އެހެން ގައުމުތަކުގައި އެސުކޫލް ހިންގާ ފަރާތުން ހިންގާ ސްކޫލްތަކުގެ އެދުމުގެ މަތިން އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.
Advertisement
އެގޮތުން އެ ސުކޫލް ތަކަށް އެ ބަދަލު ގެނައި އިރު ޣިޔާސުއްދީން ސްކޫލްގެ ފޯމަށް ވެސް ގެނެވިފައިވާ ކަމަށް ބުނެފައި ވެއެވެ.
މިއާއެކު އެ ބަޔާނުގައި ބުނީ އެ ސްކޫލުން ފޯމު ނެރުނު އިރުގައި ރަނގަޅަށް ބެލިފައި ނެތުމުގެ ސަބަބުން އެ އޮޕްޝަން ހިމެނިފައިވާ ކަަމަށާ، އެކަން އެނގުމާއިއެކު ވަގުތުން ފޯމު ހުށަހެޅުން ބަންދުކޮށް، ފޯމުތައް ހަދާ ފަރާތްތަކާއި ވާހަކަދައްކައި އެކަން ރަނގަޅުކޮށްފައިވާނެ ކަމަށެވެ.
އަދި ރަނގަޅަށް ބަލައި ނުލެވުމުގެ ސަބަބުން ހިނގައިދިޔަ އެ މައްސަލަ އާއި ގުޅިގެން އެންމެހާ ރައްޔިތުންގެ ފަރާތުން އެ ސުކޫލުން ވަކީ މަޢާފަށް އެދިފައެވެ. 
އެ ބަޔާނުގައި އިތުރަށް ބުނީ، ރާއްޖޭގައި އެ ސުކޫލް ހިންގާތާ 14 އަހަރުވެފައިވާއިރު އަބަދުވެސް މި ގައުމުގެ އުސޫލް ތަކާއި ގަވައިދުތަކަށް ފުރިހަމައަށް ކަމޭ ހިތާފައިވާނެ ކަމަށާ، އެތަނުގައި ކިޔަވައި ދެނީ ހަމައެކަނި އިސްލާމްދީނާއި އެދީނުގެ އުސޫލްތައްކަން ކަށަވަރު ކުރާ ކަމަށެވެ. 
އަދި ޖެހުނު މައްސަލަ ހައްލުކޮށް މިމަހު 5 ވަނަ ދުވަހު އަލުން ރެޖިސްޓްރޭޝަން އަށް ހުޅުވާލާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ