އެންމެ އަވަަހަށް ފަށާ ހައުސިންގް މަޝްރޫޢު ތަކުން ޓޫރިޒަމް ދާއިރާގެ ދިވެހިންނަށް އިންސައްތަ ކަނޑައެޅޭނެ: ރައީސް

މިސަރުކާރުން އެންމެ އަވަހަށް ފަށާ ގެދޮރުވެރިކަމުގެ މަޝްރޫޢުއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ވަކި އިންސައްތައެއް ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރެއިން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން އިންސައްތަ ކަނޑައަޅުއްވާނެ އިރަކާއި ގުޅޭ ގޮތުން އެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ، ރ. މީދޫ، ނަރުގިސްވިލާ، ޠާހާ ހުސައިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ޖަވާބުގައި އެމާނިކުފާނު ވަނީ، ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާއްސަ ގެދޮރުވެރިކަމުގެ ސްކީމެއް ހިމެނުމަށް މިހާރު ކެބިނެޓުން ނިންމާފައިވާ ކަމަށާ އެކަމާއި ގުޅޭ އޮނިގަނޑުވެސް ފާސްކުރެވިފައިވާ ކަން ފާހަގަކުރައްވާފައެވެ. 
Advertisement
އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް ދާއިރާގެ އެކިއެކި ޖަމިއްޔާ ތަކާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއި އެކީގައި، އެ ކެޓެގަރީގެ ތަފްސީލް ތައް ނިންމަން. މާނަ އަކީ ޝަރުތުތައް ކަނޑައަޅާނެ ގޮތާއި، ޕޮއިންޓް ތައް ދޭނެ ގޮތާއި، މިކަންކަން ނިންމަން. 
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ އެކިއެކި ސަރަޙައްދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، އެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއު ތަކުން އިންސައްތަ ކަނޑައެޅުމަށް ނިންމާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކުންވެސް އެ ދާއިރާއަށް އިންސައްތަ ކަނޑައެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
އެންމެ އަވަހަށް ފެށޭ ހައުސިންގް ޔުނިޓް ޕްރޮޖެކްޓް ތަކުންވެސް އެކަން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން އެކަމާއި ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ވަރަށް އުއްމީދު ކުރަން މިއަހަރު ތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް. 
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެމާނިކުފާނު އެންމެ ބޭނުންވެލައްވާ ގޮތަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ އާއި އެއްގޮތަށް އެ ދާއިރާ ކުރިއެރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ