ބައިނަލްއަގްވާމީ ދަތުރުތަކާއެކު އައްޑޫ ރައްޔިތުން ހެއްވާލައިފި!

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސްއިން ސްރީލަންކާގެ ކޮލޮމްބޯއިން ސީދާ ދަތުރުތައް ކުރަން ފަށައި، އެ އެއާޕޯޓުގެ ހަގީގީ ބައިނަލްއަގުވާމީކަމުގެ ބޭނުން ހިފަން ފަށައިފިއެވެ. އައްޑުއަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއަށް ވީ ނަމަވެސް، އަތޮޅުތެރޭގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން އައްޑޫގެ ރައްޔިތުންވެސް ރާއްޖޭން ބޭރަށް ފުރުމަށް މިހާތަނަށް އަންނަން ޖެހިފައި އޮތީ މާލެއަށެވެ. "ހަގީގީ" ބައިނަލްއަގުވާމީ އެއާޕޯޓު އޮތީ މާލޭގައި ކަމަށް ވާތީއެވެ. އައްޑޫ ރައްޔިތުން ތަޖުރިބާ ކުރަމުން އައި ކަމަކީ ފުރައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް، ޑޮމެސްޓިކް ޓާމިނަލުން އިންޓަނޭޝަނަލް ޓާމިނަލަށް ފޮށިތަންމަތި ހިފައިގެން ދާންޖެހޭ ޖެހުމުގެ ތަކުލީފާއި، މާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ހިފައިގެން ތިބޭ އިރު ކުރަންޖެހޭ ޚަރަދުތަކެވެ. އެހެން ނަމަވެސް ސްރީލަންކަންއިން ގަމާއި ކޮލޮމްބޯ ގުޅުވައިދިނުމާއެކު އައްޑޫގެ ރައްޔިތުން ރާއްޖޭން ބޭރަށް ދިއުމަށް މާލެ އަންނަންޖެހޭ އައުމަށް ނިމުމެއް ގެނެސްދީފިއެވެ. މިއީ އެކަން ހަނދާނުގެ ތެރެއަށް ދޫކޮށްލާ ވަގުތު ކަމަށް ބުނަމުން ދެއެވެ. އައްޑޫ އެކަންޏެއް ނޫނެވެ. ހުވަދޫ އަތޮޅާއި ފުވައްމުލަކު ރައްޔިތުން ވެސްއެވެ. ގަމުން ކޮލޮމްބޯއަށް ދިޔަ ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ފަސިންޖަރުންތަކެއް ފުރުމުގެ ކުރިން ޝުއޫރު ފާޅުކުރަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު "ވަރަށް އުފާވޭ މިކަން ހަމަޖެހިގެން އައިމަ. މިހާރު ވަރަށް ފަސޭހަ ވާނެ. ރަށުން ކާރުގައި އެއާޕޯޓަށް އައިސް ފުރައިގެން ލަންކާއަށް ދާންވީ. މާލެ ގޮސް، ފެރީގައި އެއާޕޯޓަށް ދިއުމަށް ނިމުމެއް އައީ، މާލޭގައި ކޮޓަރި ހިފައިގެން ތިބެ، ޚަރަދު ކުރަންވެސް ނުޖެހޭނެ ދެނެއް،" ސްރީލަންކަން އެއާލައިންސްގެ، ގަމުން ކޮލޮމްބޯއަށް ފުރި ފުރަތަމަ ފްލައިޓުގައި ދަތުރުކުރި އަންހެނަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ، ހިނިތުންވުމަކާ އެކު ބުންޏެވެ. އެއާޕޯޓުން ވާހަކަދެއްކި އެންމެންގެ ވެސް ޝުއޫރު ހުރީ މިހެންނެވެ. އެންމެން ތިބީ އުފަލުން ފޮޅިފައެވެ. ތަކުލީފުތަކަކާއި ޚަރަދުތަކެއް ކަނޑާލެވި، ދަތުރުފަތުރު ފަސޭހަވުމުންނެވެ. ކޮލޮމްބޯއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ މައި ޓްރާންސިޓް ނާރެހެކެވެ. އެހެންކަމުން ގަމުން ކޮލޮމްބޯއަށް ގޮސް، ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް މިހާރު ދެވޭނެއެވެ. އެހެން ނަމަވެސް މި އުފާވެރިކަމާ އެކު، ބައެއް ފަސިންޖަރުންގެ ހިތުގައި ޝައްކަކާއި ބިރެއް ވެސް އޮވެއެވެ. "ހިއެއް ނުވޭ މިކަން ގިނަ ދުވަހަށް ދެމިއޮންނާނެ ހެނެއް. ދެމި އޮތިއްޔާ ވަރަށް ރަނގަޅު. އެކަމަކުވެސް އަހަރެންގެ މާ ބޮޑު އުންމީދެއް ނެތް ދެމިއޮންނާނެ ކަމަކަށް،" އުފާވެރި ޝުއޫރުތައް ފާޅުކުރުމަށްފަހު މާޔޫސީ ގޮތަކަށް، އުމުރުން ދުވަސްވީ ފަސިންޖަރަކު ބުނެލިއެވެ. އެ ފަސިންޖަރު އެހެން ބުނީ، މީގެ ކުރިން ބައެއް ފްލައިޓުތައް ގަން އެއާޕޯޓަށް ދަތުރު ކުރުމަށްފަހު ހުއްޓާލާފައިވާ ވާހަކަތައް ހިއްސާ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ ގޮތަކަށް ފެށި ނަމަވެސް، އުންމީދުކުރަން ޖެހޭނީ ނިމުން ރަނގަޅު ވާނެ ކަމަށް ކަމަށެވެ. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު އައިބީ ވިދާޅުވަނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީލަންކަން އެއާލައިންސްއިން ކޮށްފައިވަނީ ބޮޑު އިންވެސްޓްމެންޓެއް ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރަނީ، މިވަރުގެ ބޮޑު އިންވެސްޓްމެންޓެއް ކޮށްފައި، މިކަން ދެމެހެއްޓެނިވި ނޫން ގޮތެއްގައި ކުރިޔަކަށް ނުދާނެ ކަމަށް،" މިސާލެއްގެ ގޮތުގައި އައިބީ ނެންގެވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ. "ވަރަށް އާދައިގެ ގޮތަކަށް ފެށިގެން ދިޔަ ތަނެއް. މިއަދު 1.3 މިލިޔަން ޓޫރިސްޓުންނަށް ޚިދުމަތް ދެމުން އެ ދަނީ. ހަތް މިލިޔަނަށް ޚިދުމަތް ދޭން، އިތުރު ރަންވޭއަކާއި ޓާމިނަލެއް ހަދަނީ. އެކަމަކު މާލެ އެއާޕޯޓުވެސް ފުރަތަމަ ފެށީ ހަތް މިލިޔަން މީހުންނަށް ޚިދުމަތް ދިނުމުގެ އަޒުމާ އެކުއެއް ނޫން،" އައިބީ ވިދާޅުވިއެވެ. އައިބީ ވިދާޅުވީ، ގަން އެއާޕޯޓުގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ފެށިގެން އައިސްފައިވަނީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ފެށި ގޮތާ އަޅައިބަލާއިރު އެތައް ގުނައެއް ރަނގަޅަށެވެ. ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު "މިހާރުވެސް މި އެއާޕޯޓުގެ ރަންވޭ މާލެ އެއާޕޯޓަށް ވުރެ ދިގު ވާނެ،" އައިބީ ވިދާޅުވިއެވެ. ގަމުގެ ބިން ހިއްކައި، ބިން ބޮޑުކުރުމަށްފަހު އެއާޕޯޓުގެ ރަންވޭ ފުޅާކޮށް، ބޮޑުކޮށްފައިވާ އިރު، އެއީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ރަންވޭއެވެ. ގަން އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއް ވެސް ގާއިމުކޮށް، ދެކުނުގެ އަތޮޅުތަކަށް ސީޕްލޭންގެ ޚިދުމަތްތައް ވެސް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ބޮޑެތި އިންވެސްޓްމެންޓު ތަކެވެ. މީގެ އިތުރުން ސްރީލަންކަން އެއާލައިންސްވެސް މާލީ ބޮޑު އަނދަވަޅެއްގައި އޮތް ވަގުތު، އައްޑުއަށް ދަތުރުތައް ފަށާނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ވިޔަފާރީގެ ފުރުސަތާއި ރިސްކު ވެސް އޮތްކަން ގަބޫލުކޮށް، އެކަމަށް ފަށައިގަތީއެވެ. ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ -- ސަން ފޮޓޯ/ މާހިލް މުހައްމަދު "އަޅުގަނޑުމެން ގަބޫލުކުރަނީ މިތަނުގައި ވަރަށް ބޮޑު ފުރުސަތެއް އޮތްކަމަށް. ރާއްޖެއަކީ އަޅުގަނޑުމެންގެ އެންމެ ރަނގަޅު އެއް މާކެޓު. ވިޔަފާރީގެ ފުރުސަތެއް ލިބުމުން އޭގެ ބޭނުން ހިފީ. އަޅުގަނޑުމެން މިތިބީ މާލީ ގޮތުން ދަށް ހާލަތެއްގައި. އެކަމަކުވެސް މިއީ ވިޔަފާރިއެއް. ވިޔަފާރި ފުޅާ ކުރަން ޖެހޭނެ ދެއްތޯ،" ސްރީލަންކަންގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ މިއަދު ވިދާޅުވިއެވެ. މަޓާޓޯގެ ރައީސް، އަދި އިނަރ މޯލްޑިވްސް ހޮލިޑޭޒްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި، ސްރީލަންކަންއިން އައްޑުއަށް ސީދާ ދަތުރުތައް ފެށީ، މީގެ ނުވަ އަހަރު ދުވަސް ކުރިން ފެށި މަސައްކަތުންނެވެ. އަދި ސްރީލަންކަންއިން މިކަން ފެށުމުން އެހެން އެއާލައިންތަކުން ވެސް އައްޑުއަށް ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް -- ސަން ފޮޓޯ/ މާހިލް މުހައްމަދު "މި ރިސްކު އެންމެ ފުރަތަމަ ނަގާނީ ކާކުތޯ ބެލުމަށް ހުރިހާ އެއާލައިނަކުން ތިބީ ބަލަހައްޓައިގެން. ސްރީލަންކަންއިން ހިތްވަރުގަދަކޮށްގެން މި ރިސްކް ނެގީ. ސްރީލަންކަން ފެށީމަ އެހެން އެއާލައިންތައް ވެސް ފޮލޯ ކުރާނެ. އަޅުގަނޑު ގެރެންޓީ ދޭނަން، އަންނަ އަހަރު އެހެން އެއާލައިންތަކުންވެސް ފަށާނެ،" ގިޔާސް ވިދާޅުވިއެވެ. މި ހުރިހާ ވާހަކައަކުން، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ވާހަކައަށް ބާރު ލިބެއެވެ. ފުރަތަމަ ފަށައިގަންނާނީ މިކަހަލަ ގޮތަކަށް، އެންމެ އެއާލައިނަކުންނެވެ. ކުރިއެރުމަށް ވަގުތު ނަގާނެއެވެ. "އަޅުގަނޑު ޔަގީން ކުރަން، މި އެއާޕޯޓު ރާއްޖޭގެ ނިސްބަތުން އެންމެ ވަރުގަދަ އެއް އެއާޕޯޓަށް ވާނެ. ވަސީލަތްތައް ވެސް ލިބޭނެ. ސަރުކާރުންވެސް ފެސިލިޓޭޓު ކޮށްދޭނެ. މި އެއާޕޯޓުން ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް އާމްދަނީވެސް ލިބޭނެ،" އައިބީ ވިދާޅުވިއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދުވެސް ވިދާޅުވާ ގޮތުގައި މިއީ އައްޑޫ ރައްޔިތުން އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެނެއްގައި ކުލަ ޖެހެން ފެށޭ ފެށުމެކެވެ. "މިއީ އައްޑޫ ރައްޔިތުންގެ ހުވަފެން ހަގީގަތަށް ވުމުގެ ފެށުމެއް. އަޅުގަނޑުމެން އަދިވެސް މިތަން ތަރައްގީކޮށް، މުޅި ރާއްޖޭގައި ވެސް އެންމެ ގިނައިން ފްލައިޓުތައް ދަތުރުކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓު ހަދައިދޭނަން،" އިބްތިޝާމާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ