ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓު ލައްވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓު ލައްވައިފިއެވެ. އޭނާ ވޯޓު ލެއްވީ ސޯޝަލް ސެންޓަރުގައި ހުންނަ މާފަންނު ހުޅަނގު ވޯޓު ފޮއްޓަށެވެ.
ގާސިމް ވޯޓު ލައްވާފައި ވަނީ މި ފަހަރުގެ އިންތިހާބުގައި އެންމެ ފުރަތަމަ ވޯޓު ލެއްވި ކެންޑިޑޭޓުގެ ގޮތުގައެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހަދައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރި ނަމަވެސް މި ފަހަރުގެ އިންތިހާބުގައި ގާސިމް ވާދަކުރައްވަނީ ވަކިންނެވެ.
މިއީ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިންވަނަ ފަހަރެވެ.
ގާނޫނުއަސާސީ އިސްލާހުކޮށް، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވިއެވެ. އެއަށްފަހު 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވިއެވެ. ނަމަވެސް 2018 ވަނަ އަހަރު އިންތިހާބުގައި ވާދަނުކުރައްވައި، ރައީސް ސޯލިހު ވެރިކަމަަށް ގެންނެވުމަށް އެމްޑީޕީ އާއެކު ކޯލިޝަން ހެއްދެވިއެވެ.
ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިހާތަނަށް ވެރިކަމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެރިކަމަށް ވޑައިގެންނެވީ ގާސިމްގެ ވެސް އެހީތެރިކަމާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ