ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ އިއްޔެ ހެނދުނު އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާ ފޯމު ހަވާލުކޮށްދެއްވީ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް އެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގަތުމުން މިއަދުގެ ފަތިހުގެ ވަގުތެއްގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރެއްވި ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސްވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފައެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ޔާމީންގެ ކިބައިގައި މިވަގުތު ނެތުމުންނެވެ.
މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކެންޑިޑޭސީ ފޯމް އީސީން ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ރައީސް ޔާމީން މިހާރުވެސް ހުންނެވީ ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެހެން ކަމުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކެންޑިޑޭޓެއްގެ ފޯމު ހުށަހެޅި ނަމަވެސް އެ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ބަލައި ނުގަންނާނެކަން މީގެ ކުރިންވެސް އީސީން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ