ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓު އެކުލަވާލެވިފައިވަނީ 11 ފަނޑިޔާރުންގެ މައްޗަށެވެ. އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭގެ ތެރެއިން ފަސް ފަނޑިޔާރަކާ ގުޅޭ ތަފާތު އެކި މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒު ފަހުމީގެ މައްސަލަތަކެކެވެ.
މި މައްސަލަތައް ބަލަމުންދާކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ވަނީ ހާޒިރުވުމުގެ ނޯޓިސް ފޮނުވައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ ރިޓަޔާ ކުރައްވަން ނިންމަވާފަ އެވެ. ނިޔާޒަކީ ޖޭއެސްސީގެ މެންބަރެކެވެ.
ބައެއް ފަނޑިޔާރުންނަށް ރިޓަޔާ ކުރުމަށް ޕްރެޝަރު ކުރިމަތި ކުރުވަމުން އަންނައިރު ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ.
ޖޭއެސްސީ މެދުވެރިކޮށް ކޯޓުތަކަށް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންނެވެ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް އަވަސްކޮށް ކުރިއަށްގެންދިޔުމުގައި އިސްކޮށް ހުންނެވި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވަނީ ޖޭއެސްސީގެ ރައީސްގެ މަގާމަށް ދާދިފަހުން އައްޔަނުކޮށްފަ އެވެ.
އޭނާގެ އިތުރުން އެ ކޮމިޝަނުގައި ހިމެނޭ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله، ބަންޑާރަ ނައިބު އަހްމަދު އުޝާމް، ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު އަދި އާންމުންގެ ތެރެއިން އައްޔަނުކޮށްފައިވާ އިދުރީސް ފައުޒީއަކީ މުއިއްޒުއަށް ވަފާތެރި މެންބަރުންނެވެ.
އޭގެ އިތުރުން، ފަނޑިޔާރު ޝަހީދުއަކީ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހައި ކޯޓުން ސުޕްރީމް ކޯޓަށް ޕްރޮމޯޓުވި ފަނޑިޔާރެކެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މުހައްމަދު މުޖުތާޒަކީ ވެސް މުއިއްޒު ބޭނުންވާ ބަޔަކަށް ކޮމިޝަންތަކުގެ ރައީސުންނަށް ތިބެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލުގެ ފަހުން ސިވިލް ސާވިސްއާ ހަވާލުވި މީހެކެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ މާއްދާއެއް ގާނޫނުއަސާސީއަށް އިތުރު ކުރި މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
މެއި 14، ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ އެ ދެ ބޭފުޅުންގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަންގާފައި އޮއްވަ އެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީ އިން ބަލަން ފެށި އެވެ. އެކަމަކު، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވީ އެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ހަތަރުު ފަނޑިޔާރުން އައްޔަނު ކުރެއްވީ މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ