ރާއްޖެ ބަނގުރޫޓުވުން ގާތް ކަމަށް މިހާރު ނުދެކޭ، ބޭރުގެ އިތުބާރު އަލުން ލިބިއްޖެ: ޒަމީރު
ރާއްޖެ ބަނގުރޫޓުވުން ގާތް ކަމަށް ބޭރުން މިހާރު ނުދެކޭ ކަމަށާއި މި ގައުމަށް ބައިނަލްއަގުވާމީ ގޮތުން އިތުބާރު އަލުން ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ، މި ސަރުކާރަށް ވާރުތަވި ބޮޑު ދަރަނީގެ އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފާއިތުވި ދެ އަހަރު ތެރޭ ދައްކައިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ 40 ހަފުތާގައި ދައުލަތް ހިންގީ ސާޕްލަސްގައި، ޚަރަދަށް ވުރެ އާމްދަނީ ބޮޑުކޮށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ޒިންމާދާރު ފިސްކަލް މެނޭޖްމެންޓްގެ ނަތީޖާ ކަމަށެވެ. "ދިވެހިރާއްޖެއަކީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ބައިނަލްއަގުވާމީ އިތުބާރު އަލުން ގާއިމުކޮށް، ބޭރު ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދައިފައިވޭ، ރާއްޖެއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިގަންނަން ފަށައިފައި،" ޒަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރަނީ މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ކުންފުނިތަކާ ކަމަށެވެ. "މިއަދު ވެސް އަޅުގަނޑުމެން މި އަޅަނީ އެގޮތުން އަޅާ މުހިންމު ފިޔަވަޅެއް، ރަށްރަށުގައި ދިރިއުޅޭ އާއިލާއަކުން އެދެނީ ރައްކާތެރި ބަނދަރުތަކަށް، ރަނގަޅު ސްކޫލުތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަނަށް. ޒަމާނީ ކުނި މެނޭޖުކުރުމުގެ ނިޒާމުތަކާއި ޒުވާނުންގެ ފިޓްނަސް ޔަގީން ކުރެވޭނެ ސެންޓަރުތަކަކަށް،" ޒަމީރު ވިދާޅުވިއެވެ. މަޝްރޫއުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު: ރާއްޖެ ބަނގުރޫޓުވުން ގާތް ކަމަށް މިހާރު ނުދެކޭ ކަމަށާއި ބޭރުގެ އިތުބާރު އަލުން ލިބިއްޖެ ކަމަށް ޒަމީރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް މިއަދު ކޮންޓްރެކްޓާ ފައިނޭންސިން ދަށުން ހިންގުމަށް 206 މަޝްރޫއެއްގައި ސޮއިކުރަނީ އެ ބޭނުންތައް ފުއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ އެ މަޝްރޫއުތައް ޒިންމާދާރުކަމާއެކީ ކުރިއަށްގެންދިޔުމަށް ޓަކައި ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި މަސައްކަތުގެ ނަތީޖާތަކާ ގުޅޭ ގޮތަށް ފައިސާ ދިނުމާ ގުޅޭ ސާފު އޮނިގަނޑެއް ގާއިމުކުރާނެ ކަމަށެވެ. އެއީ ހަލުވި ކަމާއި ޖަވާބުދާރީވުން އެއްކޮށްލާނެ ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިޒާމުގެ އަމާޒުތައް: ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދިނުން. ސަރުކާރުން އިސްކަންދެނީ ރައްޔިތުންނަށް ސީދާ ފައިދާވާނެ ކަންތައްތަކަށް މާލީ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން. ސަރުކާރުން ވަނީ މަޝްރޫއުތައް ހަވާލުކުރުމުގެ ޑިއު ޑިލިޖެންސް ވަރުގަދަކޮށް، ފައިސާ ދިނުމުގެ އޮނިގަނޑު ސްޓެންޑަޑައިޒްކޮށްފައި. މަޝްރޫއުތަކުން އުފެދޭ ދައުލަތުގެ އެސެޓްތަކުގެ ފެންވަރު ޔަގީންކުރުން. ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖޭގެ ޖަޒީރާވަންތަ މާހައުލު ބަލައިގަނެގެން ވަޒީފާތައް އުފެއްދުމާއި އަމިއްލަ ކޮންޓްރެކްޓަރުންގެ ބައިވެރިވުން އިތުރުކުރުން މީގެ އިތުރުން މިއަދު ސޮއިކުރި މަޝްރޫއުތައް ހިންގަމުންދާއިރު، ސަރުކާރުގެ އެކި މުއައްސަސާތަކުން މަސައްކަތް ނިންމާ މިންވަރު ވަޒަންކޮށް، ފައިސާ ދެމުންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިއާއި، މި ސަރުކާރުގައި ވެސް، އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ނުދީ ލަސްވުމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. https://sun.mv/212970 އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، މިދިޔަ މަހު ދެވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. އެއީ 2.3 ބިލިއަން ރުފިޔާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް އިއްޔެ ވަނީ އެ ފައިސާ ދޫކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެ ފައިސާ ދެނީ، މަރުކަޒީ ބޭންކާއި ޕެންޝަން އޮފީހާ ދެމެދު ހަދާ މުއާމަލާތެއްގެ ދަށުން ފައިސާ ޗާޕުކޮށްގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި ޕެންޝަން އޮފީހުން އެގޮތަށް ނިންމި ފަހުން، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާއާއި އެ އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ އިސްތިއުފާ ދެއްވައިފައެވެ. https://sun.mv/213507 އެހެންނަމަވެސް ސަރުކާރުން ވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ފައިސާ ޗާޕު ނުކުރާނެ ކަމަށް ބުނެފައެވެ. މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރާތީ ވެސް، އަމިއްލަ ކުންފުނިތަކަށް ފައިސާ ނުލިބުމުގެ ކަންބޮޑުވުން އޮތީ އިތުރުވެފައެވެ. އޭގެ ފަހުން ރައީސް ވަނީ އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ