ބަޖެޓު 2026: މި އަހަރަށްވުރެ އަންނަ އަހަރު ސަރުކާރަށް 7،800 މުވައްޒަފުން އިތުރުވާނެ ކަމަށް ލަފާކޮށްފި ބަޖެޓު 2026: މި އަހަރަށްވުރެ އަންނަ އަހަރު ސަރުކާރަށް 7،800 މުވައްޒަފުން އިތުރުވާނެ ކަމަށް ލަފާކޮށްފި

ސަރުކާރުގެ މުވައްޒަފުންގެ އަދަދު މި އަހަރަށްވުރެ އަންނަ އަހަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ހިސާބުތަކުން ދައްކައިފި އެވެ.
ބަޖެޓުގައި ހިމަނާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ސަރުކާރު މުވައްޒަފުންގެ ގޮތުގައި ތިބީ 45،800 އެއްހާ މުވައްޒަފުންނެވެ. މި އަދަދު އަންނަ އަހަރުގެ ކުރީކޮޅު 53،700 އަށްވުރެ މަތިވާނެ ކަމަށް ބަޖެޓުން ދައްކަ އެވެ.
މިއީ 7،800 އަށްވުރެ ބޮޑު އިތުރުވުމެކެވެ. 2024 އިން ފެށިގެން 2025 އަށް ސަރުކާރުން 1،500 އެއްހާ ވަޒީފާ އަލަށް ދީފައިވެ އެވެ.
ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކާއި އިދާރާތައް އަދި ވުޒާރާތަކާއި އެހެނިހެން އޮފީސްތަކުގައި ތިބި ސިޔާސީ މުވައްޒަފުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ އަދަދު އެތައް ހާހަކަށް އަރާކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އަންނަ އަހަރު ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ވެސް އަންނަ އަހަރު ތިން ބިލިއަނުން އިތުރުވެ އެވެ. އަންނަ އަހަރު ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ހަރަދު ކުރަނީ 17 ބިލިއަން ރުފިޔާ އެވެ. މި އަހަރު އެކަމަށް ހަރަދުކުރީ 14.7 ބިލިއަން ރުފިޔާ އެވެ. 2024 އިން މި އަހަރަށް އިތުރުވީ އެއް ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ. ބަޖެޓާއި ބަޖެޓާ ގުޅިގެން އެހެން އަހަރުތަކުގައި އާންމުކުރާ މައުލޫމާތުތައް ވެސް ފިނޭންސުން މިހާތަނަށް އެ މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ