ބަނގުރޫޓުކުރަން ޑިޒައިންކޮށްފައި އޮތް އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިއްޖެ: ރައީސް

ބަނގުރޫޓުވާނެ ގޮތަކަށް ބައްޓަންކޮށްފައި އޮތް ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ އުމްރާނީ ތަރައްގީގެ ހާއްސަ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ބަނގުރޫޓުވާންދާ ގޮތަށް ޑިޒައިންކޮށްފައި ކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު މިހާރު އިގްތިސާދު ކޮޅަށް ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. http://s1.sun.mv/213565 "އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގަ ފުން އަނދަވަޅަކަށް ވައްޓާލާފައިވާ ޑިފޯލްޓު ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގުތިސާދެއް ނަގާ ކޮޅަށް ޖަހާ، ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ސަރުކާރުގެ ތެރެއިން އެންމެން ވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ސޮއިކުރުމާ ހަމައަށް ވެސް އާދެވުނީ،" ރައީސް ވިދާޅުވި އެވެ. މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސާދުގައި ބުންވަރު ނެތް ނަމަ މިއަދު މި ސޮއިކުރެވުނު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ސަރުކާރާ މެދު ޕްރައިވެޓް ސެކްޓާގެ އިތުބާރު ނެތްނަމަ މިކަންކަން މި ހިސާބަށް ނުގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ: ރައީސް އޮފީސް ރައީސް ވިދާޅުވި ގޮތުގައި، ކަންކަން ކުރައްވަނީ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން، ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ އާންމުންވެސް މުއްސަނދިވެގެންދިއުން ކަމަށް ވިދާޅުވިއެވެ. ފަންސާސް ތިން ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުތަކުގެ އެހީގައި ޕްރައިވެޓް ސެކްޓާ، ވަކިން ހާއްސަކޮށް ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދިރުމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން މި މަޝްރޫއުތައް ހަވާލުކުރީ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން، ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގައި އެއްވެސް ލަސްތަކެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން ދެއްވެވިއެވެ. އެއާއެކު، ރައީސް ވަނީ މި މަޝްރޫއުތައް ނިންމުމަށް ސަރުކާރުން މި ކުންފުނިތަކަށް ދެވެން އޮތް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޕްރައިވެޓް ކުންފުނިތަކަށް މިފަދަ މަޝްރޫއުތައް ދީގެން އެތައް ބަޔަކަށް ފައިދާ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއަދު 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، ފާއިތުވި ދެ ދުވަހު ވެސް ސަރުކާރުން ވަނީ ތަރައްގީގެ 10 މަޝްރޫއެއް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެ 216 މަޝްރޫއުގައި ހިމެނެނީ 123 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެވެ. މި މަޝްރޫއުތައް 21 ދުވަސް ތެރޭގައި މޮބިލައިޒް ކުރުމަށް ކަނޑައެޅިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ