ޖުމްލަ 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރި ކަމަށް ބުނާ މައްސަލާގައި ކުށް ސާބިތުނުވުމުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް، އެ އިސްތިއުނާފް ބަލައިގަންނަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ އަންގައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ދައުވާކުރި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. މި ނިންމުން ހައި ކޯޓުގައި ޕީޖީން އިސްތިއުނާފުކުރީ މިދިޔަ ޖުލައި މަސްތެރެ އެވެ. އެކަމަކު ހައި ކޯޓުގެ ރަޖިސްޓްރާ އެ އިސްތިއުނާފް ބޭރުކޮށްލީ އެވެ.
މައްސަލަ ބޭރުކޮށްލި ސަބަބެއްގެ ގޮތުގައި، ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރްޝީދާ ސޮއިކުރައްވައި ފޮނުއްވާފައިވާ އެ ލިޔުމުގައި ވަނީ، މެއިލްކޮށްފައިވާ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ ކަމަށެވެ. އެއީ 300ރ. އެވެ.
އެކަމަކު ޕީޖީން ބުނީ:
ފީ ދެއްކުމަށް ނޯޓިސްއެއް ލިބިފައި ނުވާ ކަމަށާއި އެ އެކަމުގެ މެއިލް ފޮނުވާފައިވަނީ އެވަގުތު ޗުއްޓީގައި ހުރި މުވައްޒަފަކަށް ކަމަށް
އެ ނޯޓިސް ފޮނުވަންޖެހޭނީ އެއްބަސްވެފައިވާ ރަސްމީ، ވަކި މެއިލަކަށް ކަމަށް
އެހެންވެ، ރަޖިސްޓްރާގެ ނިންމުން ޕީޖީން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކުރި އެވެ.
ތަފްސީލް - ފަނޑިޔާރުންގެ މަޖިލީހުން، ރަޖިސްޓްރާގެ މި ނިންމުން ބާތިލުކޮށްފައިވަނީ އެކަން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ކުރިއަށް އޮތް ތިން ދުވަސް ތެރޭ އެ މައްސަލައިގެ ރަޖިސްޓްރޭޝަން ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދަން އެންގި އެވެ.
ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ބުނީ:
ރަޖިސްޓްރޭޝަން ފީ ދެއްކުމުގައި ޕީޖީ އޮފީހުން ފަރުވާކުޑަކުރި ކަމަކަށް ނުބެެލެވޭ؛ ފީ ދައްކަން އެންގިކަން އެ އޮފީހުގެ ސަމާލުކަމަށް އައިސްފައެއް ނުވޭ
އެކަން އެ އޮފީހުގެ ސަމާލުކަމަށް އައިސްފައި ނުވަނީ ކަނޑައެޅިފައިވާ ރަސްމީ ޗެނަލުން އެ މުއާމަލާތްކުރެވިފައި ނެތުމުން
ޕީޖީ އޮފީހުން އިސްތިއުނާފާ ގުޅިގެން ބޭނުންކުރާނެ ވަކި ހާއްސަ ރަސްމީ އީމެއިލެއް ކޯޓަށް ދީފައިވޭ؛ އެހެންވީމާ އެ އެންގުންތައް އަންގަންޖެހޭނީ ހަމައެކަނި އެ އެޑްރެހަށް
އެހެންކަމުން އެ ފީ ދައްކަން މުހުލަތެއް ދެވި އެކަން އެންގިފައިވާ ކަމަށް ބެލުމަކީ އަދުލުވެރި އިންސާފުވެރި އަދި ޒިންމާދާރު ނިންމުމެއް ނޫން
ނުބައި މެއިލަކަށް ފީ ދެއްކުމަށް އަންގާ ނޯޓިސް ފޮނުވިފައިވަނީ އެ ކޯޓުގެ އިދާރީ އޮޅުމަކުން ކަމަށް ބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ. އެ އޮޅުން އެރީ ވެސް ޕީޖީ އޮފީހުން އެކި ފަހަރު އެކި މެއިލުން އިސްތިއުނާފާ ގުޅޭ ލިޔުންތައް ހިއްސާކުރަމުންދިޔުމުން ކަމަށް ވެސް ނިންމުމުގައިވެ އެވެ.
މިއީ ޑިސެމްބަރު 2020ގައި 'މަސްޖަރީ 2' ނަމަކަށް ކިޔާ ދޯންޏެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކްކުރި ކަމަށް ބުނާ މައްސަލައެކެވެ. ފުލުހުން ކަނޑުމަތީގައި ހިންގި ދިގު އޮޕަރޭޝަނަކަށް ފަހު، އެ މަސްތުވާތަކެތި އަތުލައިގަތީ މާލޭގައި އޮތް ކާރަކުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން މައްސަލަ ބެއްލެވުމަށް ފަހު، ޖެނުއަރީ މަހު ކުރެއްވި ހުކުމުގައިވަނީ:
ވީޑިއޯ އެންޑް އިމޭޖު އެނަލިސިސް ރިޕޯޓްގައި އަކްރަމްގެ ފޮޓޯ ކަމަށް ބުނެ ހިމެނިފައިވަނީ އަހުމަދު ވިޝާމް، އެލެކްސް/ރ. އިނގުރައިދޫގެ ފޮޓޯއެއް؛ އެއީ މުޅި ރިޕޯޓްގެ އިތުބާރު ގެއްލޭނެ ފަދަ ގޯހެއް؛ ވިޝާމްގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި
އިންތިޒާމުވެގެން ސިއްރުން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކުގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ވީޑިއޯ އެންޑް އިމޭޖު އެނަލިިސިސް ރިޕޯޓް؛ އޭގައި މީހާ ދެެނަގެތުމުގެ މަރުހަލާގައި ހަދާ ގޯހުގެ ސަބަބުން ކުށް ސާބިތުކުރެވޭނެ ހެއްކެއް ގޮތަށް އެ ހެކި ނުބެލެވޭނެ
ކޯލް ޗާޓުތައް ތައްޔާރުކުރި މީހެއް ނޭނގޭ؛ އޭގައި ބަޔާންކުރާ ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތާއި ކޯލްތަކުގެ ތަފްސީލާއި ސެލް ލޮކޭޝަންގެ މައުލޫމާތު ހޯދަން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މައްޗަށް ރައްދުވާނެ ގޮތަށް ކޯޓު އަމުރުތައް ހޯދިކަން ވެސް ސާފެއް ނުވޭ
އިންޓެލިޖެންސް ރިޕޯޓްތަކުގެ ސައްހަކަމާއި އިޖުރާއަތްތައް ފުރިހަމަކޮށްގެން އެއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ސާބިތުކުރުމަށް އެއްވެސް ޝަފައީ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެއިން ކަމެއް ކަށަވަރުވާ ގޮތެއް ނުވި
މޯބައިލް ފޮރެންސިކް ރިޕޯޓްތަކުގައި ވެސް ހާދިސާއާ ގުޅޭ ވާގިއާއެއް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ
އިރުފާން އަކީ އަކްރަމްގެ ގެ ބަލައިފާސްކޮށް ހެކީގެ ގޮތުގައި ބުނާ ތަކެއްޗާއި މައްސަލާގައި ހިމެނޭ ކާރުން ފެނުނު މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ މާއްދީ ރުކުން އަދި މައުނަވީ ރުކުން ސާބިތު ކުރުމަށް ގުޅުވައިލެވޭ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ
'މަސްޖަރީ-2' ދޯނިން 'ތުރާޔާ' ބްރޭންޑްގެ ސެޓެލައިޓް ފޯނެއް ފެނި އިރުފާންގެ ގެއިން އެ ބްރޭންޑްގެ ފޯނުގެ ހުސް ފޮށިގަނޑެއް ފެނުނަސް ދޯނިން މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުކުރަން ޖެހޭނެ؛ އެކަން ދައުލަތަކަށް ސާބިތެއް ނުކޮށްދެވޭ
72 ކިލޯ ޑްރަގް މައްސަލަ: ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ބަލައިގަންނަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ