މައިކް ހަލާލުކޮށްލި ދެ މައްސަލަ: ޒިންމާވާ މެންބަރުންގެ އަތުން 28,253 ރުފިޔާ ނަގަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކު ހަލާކުވި މައްސަލައިގައިއާއި މީޑިއާ ބިލާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ހިނގި ހަމަނުޖެހުމެއްގައި މައިކް ހަލާލުކޮށްލި މައްސަލައި، މެންބަރުންގެ އަތުން ނަގާނީ 28,253 ރުފިޔާ ކަމަށް ނިންމައިފިއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މައިކަކަށް ގެއްލުންދިނީ، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ފާސްކުރުމަށް ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލިއިރު، އެ ހާދިސާގައި މައިކަކަށާއި ދެ މައިކްގެ ބޭސްއަށް ގެއްލުންދިން ކަމަށް ބުނެފައިވެއެވެ. އެހެންވެ، މިދިޔަ ހޯމަ ދުވަހު ކޮމިޓީން ވަނީ، މައިކުގައި ހިފަހައްޓައިގެން ތިބި ތިން މެންބަރުންގެ އަތުން މައިކުގެ އަގު ނަގަން ނިންމައިފައެވެ. https://sun.mv/212881 އެއީ، ހެންވޭރު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އަތުންނެވެ. މިއަދު ވެސް އިމްތިޔާޒު ކޮމިޓީން އެ މައްސަލަ ބެލިއިރު، ގެއްލުމުގެ ޚަރަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން މައިކުގެ އަގަށް 24،413.92 ރުފިޔާ އަރާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވާ ކަމަށް ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ. މެންބަރު އިމްރާން މައިކު ހަލާކުކޮށްލައްވަނީ ---- ފޮޓޯ/ އަނޫފް ޖުނައިދު އެ ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ވިދާޅުވީ، ކޮމިޓީގެ ބޭރުން ބެލިބެލުމުން އެ މައްސަލަ އިތުރަށް ދިރާސާކުރަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ހުށަހެޅުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހު ތާއީދުކުރެއްވުމުން ކޮމިޓީން ނެގި ވޯޓުގައި އެ ހުށަހެޅުން ވަނީ ކޮމިޓީގައި ތިއްބެވި އަށް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. މިއަދުގެ ސުލޫކީ ކޮމިޓީގައި ބެލި ދެވަނަ މައްސަލައަކީ، މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި ފަލާހުގެ މައިކަށް ގެއްލުންދީފައިވާ މައްސަލައެވެ. އެ މައްސަލައިގައި ފަލާހާއި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދާ ސުވާލުކޮށް، ކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަން، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫގު ހުށަހެޅުއްވިއެވެ. https://sun.mv/212998 ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ތާއީދުކުރެއްވި އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވި ހަމައެކަނި މެންބަރަކީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރެވެ. އެހެންވެ، އަޒާންގެ ހުށަހެޅުން ވަނީ ފާސްވެފައެވެ. ޝާކިރު ވިދާޅުވީ، މައިކަށް ގެއްލުންދިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސުލޫކު ކޮމިޓީއަށް ފޮނުވި ސިޓީގައި އެކަން ކުރީ ކާކުކަން އެނގެން އެބައޮތް ކަމަށާއި، އެހެންކަމުން މި މައްސަލަ އިތުރަށް ތަހުގީގުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މެންބަރެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުން، ތަޅުމުގައި ހަލާކުކޮށްލި މައިކުގެ އަގަކީ 3،840 ރުފިޔާއެވެ. އެހެންކަމުން، އެ ދެ މައްސަލައިގައި ޒިންމާވާ މެންބަރުންގެ އަތުން ނަގަން ޖެހޭ ފައިސާގެ އަދަދު 28253.92އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ