އަންނަ އަހަރުގެ ބަޖެޓްގައި ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅަން ހިމަނާނެ: ރައީސް

ހިންނަވަރުގައި 100 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތަފުސީލު ހިއްސާކުރައްވާފަ އެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ 100 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން، ހިންނަވަރުގައި ހިއްކާފައިވާ ސަރަހައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެއްވުމުގެ މަސައްކަތް ވެސް ހަލުވި ދުވެލީ ގައި ފުރިހަމަ ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުން މިހާރު ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ބިންގާ އެޅި، ބޭންކް އޮފް މޯލްޑިވްސް ހިންނަވަރު ބްރާންޗުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުން ޚިދުމަތް ދޭން ފަށާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިގޮތަށް ބޭންކް އޮފް މޯލްޑިވްސް ބްރާންޗުތައް ގާއިމުކުރާ ހުރިހާ ރަށެއްގައި ވެސް، ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިކުފާނުގެ ވައުދުފުޅުތަކާ ގުޅުންހުރި، މި ނޫންވެސް، މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ހިންނަވަރުގައި ފައްޓަވައިދެއްވާފަ އެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ހިންނަވަރު ފުލުހުންގެ މަރުކަޒާއި، ހިންނަވަރު ކައުންސިލް އިދާރާގެ އައު އިމާރާތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައި، ފެނަކަ ކޯޕރޭޝަންގެ އިމާރާތް ހުޅުއްވައިދެއްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހަކާއި ދަނާލެއް ހިންނަވަރުގައި ގާއިމުކުރުމުގެ މަޝްރޫއު އާއި، ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އާއި، ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ