ތަންތަނަށް ދިޔުން މަނާކޮށް ޖަލުގައި ގެންގުޅެން ސިޔާސީ ހަތުރުން ބޭނުންވާ ސަބަބު ހއ. ދިއްދޫއިން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއިން އެނގިއްޖެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިއްދޫގައި މިރޭ އޮތް ތިލަ އުތުރު އެވޯޑު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވުމަކީ އޭގެ ޒާތުގައި ސިޔާސީ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން އެކަން ވަރަށް ބޮޑަށް ސިޔާސީ ކޮށްލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ އަޅުގަނޑު ހުއްޓި މި ހުރީ އުފާވެރިކަމުގެ ފިޔަވަޅެއްގައޭ، ހަމަ އެހެންމެ އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ އަޅުގަނޑުގެ ވާދަވެރި ސިޔާސީ ހަތުރުން އަޅުގަނޑު ޖަލުގައި ގެންގުޅުމާއި ބަންދުގައި ގެންގުޅުމާއި ތަންތަނަށް ދިޔުން މަނާކޮށްގެން މިއުޅެނީ ކީއްވެގެންކަން މިއަދު އަޅުގަނޑަށް ދިއްދޫއިން ތިޔަ ވިދާޅުވި އިސްތިގުބާލުން އެކަންކަން ހަމަ ވަރަށް ސާފުކޮށް އަޅުގަނޑަށް ފެނިގެން ހިނގައްޖެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ދިއްދޫއަށް ވަޑައިގެންނެވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި ވަނިކޮށެވެ.
ދިއްދޫއަށް ފުރާވަޑައިގަންނަވާތީ ޔާމީން ވަނީ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ކޯޓަށް ސިޓީއަކުން ދަންނަވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އޭގެފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް ގާނޫނީ އިންޒާރެއް ދީފަ އެވެ. އެ ކޯޓުން ބުނީ އެ އަޑުއެހުން ކެންސަލް ކުރީ ޔާމީން ޝަރީއަތަށް ހާޒިރު ނުވުމުން ކަމަށެވެ. އަދި އެ ކޯޓުގެ ޝަރީއަތެއް ތާވަލުކޮށްފައި ވަނިކޮށް ކޯޓުގެ ހުއްދައަކާ ނުލައި ރަށުން ފުރައިގެން ދިޔުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ފަދަ ކަމެއް ކަމަށް މީޑިއާތަކަށް ކްރިމިނަލް ކޯޓުން ފޮނުވި މެސެޖުގައި ބުންޏެވެ.
"ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެ،" ކޯޓުން މީޑިއާއަތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޑިމޮކްރެސީއަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުން ނޫން ކަމަށެވެ. ޑިމޮކްރެސީގެ ނަމުގައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދަނީ ސިޔާސީ ކަންކަމަށް ޅަ މީހުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ މިރޭ ތިލަ އުތުރު އެވޯޑު ހާސިލު ކުރެއްވި ބޭފުޅުންނަށް، ވަކި ސިޔާސީ ފިކުރެއް މަސައްކަތުގައި ނުޖައްސަވައި ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އަދި އެ އެވޯޑު ޝަރަފުވެރި ކޮށްދެއްވުމުގެ ފުރުސަތު ދެއްވީތީ ހއ. ގެ ރައްޔިތުންނަށް ޔާމީން ޝުކުރު އަދާކުރެއްވި އެވެ.
ތަންތަނަށް ދިޔުން މަނާކޮށްގެން ގެންގުޅެން ސިޔާސީ ހަތުރުން ބޭނުންވާ ސަބަބު ދިއްދޫއިން ކީ އިސްތިގުބާލުން ފެނިއްޖެ: ޔާމީން ތަންތަނަށް ދިޔުން މަނާކޮށްގެން ގެންގުޅެން ސިޔާސީ ހަތުރުން ބޭނުންވާ ސަބަބު ދިއްދޫއިން ކީ އިސްތިގުބާލުން ފެނިއްޖެ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ