ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެއެވެ. ރައީސް މިކަން ހާމަކުރެއްވީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ކުރެންދޫގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އިއުލާންކޮށްފައިވާ ގޮތަށް ނޮވެމްބަރު 1 އިން ފެށިގެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވުމާއެކު ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކަކީ މިހާތަނަށް އައިއިރު ވަރަށް ދަށް ގިންތިއެއްގައި ގިންތިކުރެވިފައި އޮންނަ އިދާރާތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ރެއާއި ދުވާލު މަސައްކަތްކުރަންޖެހޭ ބައެއް ކަމަށެވެ. އެހެންކަމުން، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް އެއްވަނަ ދަރަޖައަށް ބަދަލުކޮށް، ނޮވެމްބަރު މަހުން ފެށިގެން މުސާރަ ބޮޑުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިންމުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "އަޅުގަނޑުމެން ނިންމާފައި މިއޮތީ ނޮވެމްބަރ 1 އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްވާއިރު ރާއްޖޭގެ ހުރިހައި ސިވިލް ސަރވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް 4 އިން 3 އަކަށް ނޫން. 4 އަކުން އެއްވަނަ ގިންތިއަށް ހުރިހައި ކައުންސިލްގެ އިދާރީ މުވައްޒަފުންވެސް މަތިކޮށްލަދޭނަން. އެހެންވީމަ ކައުންސިލްތަކުގައި މަސައްކަތްކުރާ ހުރިހައި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނީ އެގޮތުން. އެއީ ނޮވެމްބަރު މަހުގެ މުސާރަ. މާއަކީ ނޮވެމްބަރ މަހުގެ މުސާރަ މަސް ނިމޭއިރު ލިބޭއިރުގައި ލިބޭނީ އެގޮތައްށޭ."
މި ބަދަލާއެކު، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވެ، އެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރެވޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށު ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.
އަންނަ މަހުގެ 1 އިން ފެށިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ