ރައީސުލްޖުމްހޫރިއްޔާ، ފާދިއްޕޮޅު ހިންނަވަރު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު ހިންނަވަރު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ހިންނަވަރު ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގައި އިމާރާތްކުރަން ފަށާފައިވާ ހޮސްޕިޓަލުގެ މަސައްކަތާއި، ރަށުގައި އަޅަމުންދާ ހައުސިންގް މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދާކަން ފާހަގަކުރައްވައި، އެ ދެ މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށުގެ މަގުހެދުމުގެ މަޝްރޫޢުގައި މިހާރު ނުނިމިހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމަވައިދެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދިނުމާއި، އެކި އެކި ވިޔަފާރިތަކަށް ބިން ދޫކުރުމަށް ނިންމާފައިވާތީ އެ ސަރަހައްދަށް ވީހާވެސް އަވަހަށް ފެނާއި، ކަރަންޓް އަދި ނަރުދަމާ ގުޅައިދިނުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ހިންނަވަރު ޕޯޓަކީ އިޤުތިޞާދީގޮތުން ފައިދާތަކެއް ލިބޭނެ ތަނެއްކަން ފާހަގަކުރައްވައި ހިންނަވަރު ޕޯޓް އޮޕަރޭޝަން ފައްޓަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި އ.ތ.މ. ކޮމިޓީ ގެ ފަރާތުން ވަނީ، ރަށުގައި ހިންގާ ޕްރީސްކޫލަށް އެހީތެރިވުމުގެ ގޮތުން އިމާރާތެއް އަޅުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށުގެ ކޮންމެވެސް ސަރަހައްދެއްގައި ސްވިމިންގ ޓްރެކެއް ހައްދަވައިދެއްވުމަށް ރަށު ރައްޔިތުން އެދޭތީ ކައުންސިލުން ވަނީ އެކަމަށްވެސް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ