ބަޔާނުން މިލާނުގެ މޮޅުުވުމުގެ ރެކޯޑާ ހަމަކޮށްފި ބަޔާނުން މިލާނުގެ މޮޅުުވުމުގެ ރެކޯޑާ ހަމަކޮށްފި

ބާލިން (އޮކްޓޫބަރު 26) - ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 3-0 އިން މޮޅުވެ، ބަޔާން މިއުނިކުން ސީޒަނެއް ފަށައިގެން ޖެހިޖެހިގެން 13 މެޗުން މޮޅުވެ، އޭސީ މިލާނުން ހަދާފައި އޮތް ރެކޯޑަކާ ހަމަކޮށްފި އެވެ.
ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ސީޒަނެއް ފަށައިގެން ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ 1992/1993 ވަނަ ސީޒަނުގެ އޭސީ މިލާން ޓީމުގެ އަތުގަ އެވެ. ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅޭ ބަޔާނުން މި ވަނީ އެ ރެކޯޑާ ހަމަކޮށްފަ އެވެ.
މުންޗެންގްލަޑްބެކް އިން ރޭގެ މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 19 ވަނަ މިނިޓްގައި މުންޗެންގްލަޑްބެކްގެ ޖެންސް ކާސްޓްރޯޕަށް ވަނީ ރަތެއް ދައްކައިފަ އެވެ. ބަޔާނުން ތިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ބަޔާނުން ފުރަތަމަ ދެ ލަނޑު ޖެހީ ފަސް މިނިޓް ތެރޭގަ އެވެ. އެ ގޮތުން، ލީޑުނެގި ލަނޑު، 64 ވަނަ މިނިޓްގައި ޖޯޝުއާ ކިމިކް ޖެހިއިރު، އޭގެ ފަސް މިނިޓް ފަހުން ރަފައެލް ގަރޭރޯ ވަނީ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގައި ބަޔާންގެ ފަހު ލަނޑު ޖެހީ 17 އަހަރުގެ ލެނާޓް ކާލް އެވެ. އޭނާ މި ވަނީ ޖެހިޖެހިގެން ދެ މެޗުގައި ލަނޑު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ކްލަބް ބްރޫޖް ކޮޅަށް ލަނޑު ޖަހައި، ކާލް ވެފައިވަނީ، ޗެމްޕިއަންސް ލީގުގައި ބަޔާނަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި، ރޭގެ މެޗުގައި، އޭނާ މި ވަނީ މުންޗެންގްލަޑްބެކް ކޮޅަށް މި ލަނޑު ޖަހައި ފޯމު ދަމަހައްޓައިފަ އެވެ.
ލީގުގައި އަށް މެޗުން 24 ޕޮއިންޓް ހޯދި ބަޔާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވުރެން ފަސް ޕޮއިންޓް ކުރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ