ބޮންޑައި ބީޗްގައި ހަމަލާ ދިނީ ބައްޕައާއި ދަރިފުޅު، ބަޑި ގެންގުޅުމުގެ ހުއްދަ އޮވޭ

އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ޔަހޫދީންގެ ހަފުލާއެއް ކުރިއަށްދަނިކޮށް ބަޑިން ހަމަލާދީ، ގިނަ ބަޔަކު މަރާލީ ބައްޕައަކާއި އޭނާގެ ދަރިފުޅު ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ. އޭގެ ތެރެއިން އުމުރުން 50 އަހަރުގެ ބައްޕަ މަރުވެފައިވާއިރު، 24 އަހަރުގެ ދަރިފުޅު އޮތީ ސީރިއަސް ހާލަތެއްގައި ހޮސްޕިޓަލްގައެވެ. އެ މީހުންނަކީ ހުއްދަ އޮވެގެން ބަޑި ގެންގުޅޭ ބައެއް ކަމަށް ވެސް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހިމެނެއެވެ. އެއީ، މަރުވި އެންމެ ހަގު ކުއްޖާއަށްވާއިރު، މަރުވި އެންމެ އުމުރުން ދޮށީ މީހާގެ އުމުރަކީ 87 އަހަރެވެ. އިތުރު 42 މީހުން ޒަޚަމުވެފައިވާއިރު، އެ މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. ބޮންޑި ބީޗަށް ހަމަލާ ދީފައި --- ފޮޓޯ/އޭއެފްޕީ އޮސްޓްރޭލިއާ ގަޑިން އިއްޔެ އިރުއޮއްސި 6:47 ހާއިރު ދިން އެ ހަމަލާތައް ދިނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ، ފާހަގަކުރަމުން ދަނިކޮށެވެ. އެ ހަފުލާގައި 1000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ހަމަލާއާ ގުޅިގެން އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް ވަނީ އެއީ ޔަހޫދީންނަށް އަމާޒުކޮށް ދިން ވަރަށް އަނިޔާވެރި ހަމަލާއެއް ކަމަށް ސިފަކުރައްވާފައެވެ. އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފައެވެ. އެ ކަމާ ގުޅިގެން އޮސްޓްރޭލިއާގެ ދިދަ، ބައި ދަނޑިއަށް ތިރިކުރުމަށް ވެސް ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ނިންމާވަފައެވެ. އާންމުންގެ 15 މީހަކު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާ ވެފައިވަނީ ޕޯޓް އާތުރަށް ދިން ހަމަލާއަށް ފަހު އޮސްޓްރޭލިއާގެ ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއަށެވެ. ބޮންޑައި ބީޗްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަަދަދު ވަނީ 15 އަށް އުފުލިފައި. ފޮޓޯ/ގެޓީ އެ ހަމަލާއަކީ 1996 ވަނަ އަހަރު ޓެސްމަނިއާގެ ޕޯޓް އާތް ޓައުންގައި ހަތިޔާރު އެޅި މީހަކު ބަޑި ޖަހައި 35 މީހުން މަރާލި ގަތުލުއާންމެވެ. އެ ހަމަލާއަށް ފަހު، އޮސްޓްރޭލިއާ ސަރުކާރުން ވަނީ ބަޑި ގެންގުޅުމުގެ ގާނޫނުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. ބޮންޑައި ބީޗަކީ އޮސްޓްރޭލިއާގެ ރާޅާއެޅުމަށް ވަރަށް މަޝްހޫރު ބީޗެކެވެ. ނިއު ސައުތު ވޭލްސް ސަރުކާރުން ބުނާ ގޮތުގައި މިދިޔަ އަހަރު 2.6 މިލިއަން މީހުން އެ ބީޗަށް ޒިޔާރަތްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ