ދިރިއުޅެން ހޯދަނީ ހަލާލު ފައިސާ، އުޅެނީ ފްރޭމްކުރަން: ދާއޫދު
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތު ކުރުމުން، ބަޔަކު އޭނާ ފްރޭމް އުޅޭ ކަމަށް ދާއޫދު ތުހުމަތު ކުރައްވައިފިއެވެ. ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އުފައްދާފައިވާ ޚާއްސަ ސަބް ކޮމިޓީގައި، ދާއޫދަށް ކުރެވޭ ތުހުމަތުކުގެ ވާހަކަދެއްކެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އޭނާ ވިދާޅުވީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު އޭސީޕީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ދާއޫދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ އެއްވެސް ކަމެއްގައި މީހަކު އަތުން އޭނާ ފައިސާ ހޯއްދަވާފައި ނޯންނާނެ ކަމަށެވެ. ފްރޭމް ކުރުމަށްޓަކައި ބައިވަރު މަސައްކަތްތަކެއް ކޮށްފި މި ދޭތެރެއަކުން. އަޅުގަނޑަށް އިނގޭ ތިކަންތައް ތިހެން ކުރާކަން ވެސް ކުރަނީ ކޮން ބައެއްކަން ވެސް އޭސީޕީ މުހައްމަދު ދާއޫދު އޭނާ ފްރޭމް ކުރަން އުޅެނީ ކޮން ބަޔެއްކަން ހާމަނުކުރައްވައި ދާއޫދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއްގައި ވެސް އޭނާއަށް ތުހުމަތުކުރި ކަމަށެވެ. އެ މައުލޫމާތު ލީކުކޮށްލުމަށް، އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ 'ހަސަން ކުރުސީ' އެކައުންޓަށް ބަޔަކު، އޭނާއާ ގުޅޭ ވާހަކަތަކެއް ފޮނުވި ކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ. މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު 'ގެއްލުނު' މައްސަލައިގައި ވެސް ދާއޫދަށް ތުހުމަތުކޮށް، ފްރޭމް ކުރަން އުޅުނު ކަމަށް އޭނާ ވިދާޅުވިއެވެ. އޭގަ ވެސް އަޅުގަނޑު ނުވެސް ދަންނަ މީހަކާ އެކީގައި އަޅުގަނޑުގެ ފޮޓޯ ޖަހާފައި އަޅުގަނޑުގެ އެހީތެރިކަމާ އެކީގައޭ ކިޔާފައި ކުރުސީއަށް ހުރީ މައުލޫމާތު ދީފައި. ތިއީ ރޭވިގެން ހިނގާ ކަންކަން. ތިކަހަލަ ކަންކަމަކާ އަދި އަޅުގަނޑު އެހާ ފަސޭހައިން ބައްޔެއް ނުކުރެވޭނެއޭސީޕީ މުހައްމަދު ދާއޫދު ދާއޫދު ވިދާޅުވީ، މައިންބަފައިންނާއި އާއިލާ މީހުން ފިޔަވައި އެހެން ބަޔަކު ދުވަހަކު ވެސް އޭނާއަށް ފައިސާ ދީފައި ނުވާ ކަމަށެވެ. އަދި، އެ ގޮތަށް މީހުން ކުރާ ތުހުމަތުތަކަށް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށާއި ދިރިއުޅުމަށް ފައިސާ ހޯދަނީ ހަލާލު ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/212644 މާލިއްޔަތު ކޮމިޓީގައި ނާޒިމް ވިދާޅުވީ، ފުލުހުންނަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެ މުއައްސަސާއިން ބެލި ކަމަށާއި އެކަމަކު ވަކި ހިސާބަކުން ހުއްޓާލި ކަމަށެވެ. ދާއޫދު އެސިސްޓެންޓް ކޮމިޝަނަރު ކަމަށް ޕްރޮމޯޓުކުރީ މި ސަރުކާރުގައި ސެޕްޓެންބަރު 17، 2024 ގައެވެ. މީގެ ކުރިން ދާއޫދުވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު އަދައިކުރައްވައިފައެވެ. އަދި، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދައިކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ