އައްޑޫ ކައުންސިލާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓަށް، ފަސް ތަނެއްގައި ވޯޓު ފޮށި ބަހައްޓަނީ
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ ގުޅޭ ގޮތުން އެ ސިޓީގެ ތިން ރަށުގެ ރައްޔިތުންގެ ޚިލާޔު ހޯދާ ވޯޓު ނަގަން، ފަސް ތަނެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ. އީސީން ބުނީ، ހުޅުދުއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓުލުން އޮންނާނީ އެ ތިން ރަށުގެ އިތުރުން މާލެ ސިޓީގައި ކަމަށެވެ. އެގޮތުން ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ފޭދޫގައި، ފޭދޫ ސްކޫލްގައެވެ. ހުޅުދޫގައި، ހުޅުދޫ ސްކޫލާއި ސ. އަތޮޅު މަދަރުސާގައެވެ. މީދޫގައި، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގައެވެ. އަދި މާލޭގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލްގައެވެ. މީގެކުރިން ބޭއްވި އިންތިޚާބެއްގައި މީހަކު ވޯޓުލަނީ: އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާމެދު ޚިޔާލު ހޯދާ ވޯޓުގައި ފަސް ތަނެއްގައި ވޯޓު ފޮށި ބަހައްޓަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން އީސީން ބުނީ، ވޯޓުލާން ދާންޖެހޭ ތަން VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުއްވައިގެން ނުވަތަ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، އެވޯޓުގައި ހުޅުދޫގެ ރައްޔިތުންނާއި މީދޫގެ ރައްޔިތުންނާއި ފޭދޫގެ ރައްޔިތުންގެ ވެސް ޚިޔާލު ހޯދުމަށް ކުރާނީ އެންމެ ސުވާލެކެވެ. ކުރިން ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދަން އޮތީ، އެ ރަށަކަށް ޚާއްސަކޮށްގެން ކައުންސިލެއް އުފައްދަން ފެނޭތޯއާއި ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯއެވެ. https://sun.mv/212560 އެކަމަކު، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ވަނީ، ހުޅުދުއާއި މީދޫ، އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރާ ސުވާލު އުނިކުރައްވައިފައެވެ. އެ ރަށްތަކުގެ ރައްޔިތުންގެ ޚިޔާލު ހޯދާ ވޯޓު އޮންނާނީ މިމަހު 25ގެ 08:00 އިން 16:00 އަށް ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި، ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ ވޯޓާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދިފައިވާއިރު، ރައީސް ވަނީ، އެ ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށާއި ރައްޔިތުންގެ ނިންމުން ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ