ގެތަކުގަ އަންހެނުންނަށް ލިބޭ އަނިޔާއިން ސަލާމަތްވެ ތިބެވޭނެ ގޮތް ތަޖުރިބާކާރު އުސްތާޛަކު ވިދާޅުވެދެއްވި ގޮތް- ދަސްކޮށް ޢަމަލުކުރަންޖެހޭ ވަރަށް އަގުހުރި ފިލާވަޅެއް!

އެއީ ޤާނޫނު ކިޔަވައިދެއްވާ މަޝްހޫރު ލެކްޗަރަރއެކެވެ. ކްލާހަށް ވެންނެވިގޮތަށް ފުރަތަމަވެސް ކުރެއްވިކަމަކީ އެއްވެސް ސުވާލެއްވެސް ނުކުރައްވައި ދަރިވަރަކު ކްލާހުން ބޭރުކޮށްލެއްވެވުމެވެ. އެއަށްފަހު ދެންތިބި ދަރިވަރުންނާއި ސުވާލުކުރެއްވީ ޤާނޫނުގެ ބޭނުމަކީ ކޮބައިތޯއެވެ. އެކިކުދިން އެކި ޖަވާބު ދެމުންގޮސް ރަނގަޅު ޖަވާބުކަމަށް ޤަބޫލުކުރެއްވީ "އިންޞާފުޤާއިމުރުން" ކަމަށެވެ. 
ދެން ވިދާޅުވިއެވެ. "ދަރިވަރަކާއިމެދު އަހުރެން ބޭއިންޞާފުން ކަންކަން ކުރިއިރުވެސް އެއްވެސް ދަރިވަރަކު ބަހެއް ނުބުނީ ކީއްވެގެން ހެއްޔެވެ؟ ސުވާލެއް ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެދަރިވަރުގެ ދިފާޢުގައި ހަމައެއްވެސް ކަމެއް ނުކޮށް އަޅާނުލައިތިބީ ކީއްވެގެން ހެއްޔެވެ؟ 
ސަބަބުވެސް ބުނެދޭނަމެވެ. އެއީ ތިމާއާއި ނުބެހޭ ކަމަކަށްވާތީ އަޅައިލަން ބޭނުންނުވީއެވެ. އެކަމުން އެނގެނީ އެހެން މީހަކަށް އަނިޔާ ލިބުމަކީ ކަންބޮޑުވާކަމެއް ނޫންކަމެވެ. އިންޞާފު ނުލިބިގެން މިއުޅެނީ އެހެންވެގެންނެވެ. އަނިޔާވެރިކަން ފެތުރެމުން މިދާ ސަބަބަކީ އެއީއެވެ. 
ބުނަންހެއްޔެވެ؟ ތިއަކުދިން ބޮޑުވެގެން އަމިއްލަ ދިރިއުޅުން އުޅެންފަށާނެއެވެ. އަމިއްލަ ޢާއިލާ ނޫން ޢާއިލާއަކާއިއެކުގައިވެސް ދިރިއުޅެންޖެހޭނެއެވެ. އެދުވަހު އެގެއެއްގައި އެއްވެސް މީހަކާއިމެދު ބޭއިންޞާފުން އެއްވެސް ކަމެއް ކުރެވޭނަމަ އެއީ ތިމާއާއި ނުބެހޭ ކަމެއް ކަމަށް ބަލައި އަޅާނުލައި ނުތިބޭށެވެ. އިންޞާފު ހޯދަން މަސައްކަތްކުރާށެވެ. އަނިޔާ ލިބޭ މީހާގެ ޙައްޤުތައް ޙިމާޔަތްކުރަން މަސައްކަތްކުރާށެވެ. ނޫންނަމަ އަޅާނުލައި ތިބި މީހުންނަށްވެސް ހަމަ އެގޮތަށް އަނިޔާލިބޭނެއެވެ. އެދުވަހުން ތިމާގެ ޙައްޤުގައި އެއްވެސް މީހަކު ބަހެއް ނުބުނީތީ ވަރަށް ދެރަވާންޖެހޭނެއެވެ." 
މިއީ ވަރަށް މަޝްހޫރުވެގެންދިއަ ވާހަކައެކެވެ. ބައެއް މަޖައްލާތަކުގައި އެއްވަނަވެސް ދިނެވެ. އެއީ މިނަޞީހަތުގެ އަގުބޮޑުކަމުންނެވެ. ވަރަށް ބޮޑު ޙަޤީޤަތަކަށްވާތީއެވެ. އުސްތާޖްގެ ނަޞީޙަތް ޤަބޫލުކުރާނަމަ ގޭބިސީތަކުގައި މައިދައިތައިންނާއި ޅިޔަން ފަހަރިންގެ ފަރާތުން ލިބޭ އަނިޔާ ބޮޑުތަނުން ކުޑަވާނެއެވެ. އެންމެންނަށް އުފަލުގައި އުޅެވޭނެއެވެ. އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ