މާލެ ސިޓީ ކައުންސިލުން ދޫކޮށްފައި ހުރި ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާކޮށް އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ އަތުން ބިން އަތުލައި ފިޔަވަޅު އެޅުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި މާލޭގެ ދެ ކައުންސިލަރަކު މޭޔަރު އާދަމް އާޒިމް އަށް ސިޓީއެއް ފޮނުވައިފި އެވެ.
ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު ސޮއިކޮށް އާޒިމްއަށް ފޮނުއްވާފައިވާ ސިޓީގައި އެދިފައި ވަނީ ހަތަރު ކަމެއް ސިޓީ ކައުންސިލްގެ އެޖެންޑާގައި ހިމަނައިދިނުމަށެވެ.
އެގޮތުން މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ދޫކޮށްފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށްފަހު، އަގާއި ޝަރުތުތަކަށް ބަދަލު ގެންނައުމަށް ނުވަތަ އުވައިލުމުގެ މަސައްކަތް ފެށުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
މާލޭގެ ބިންތައް ދޫކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ކޮންޓްރެކްޓުގައި ލާޒިމުކޮށްފައިވާ ކަންކަން ކުރަމުންދާ މިންވަރު ހާމަކުރުމަށާއި އެ ކަންކަން ނުކުރާ ފަރާތްތަކުގެ އަތުން ބިން އަތުލުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.
އޭގެއިތުރުން ޖޫން 14، 2025، ގައި ކައުންސިލްގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުގެ ފަހުން، ކައުންސިލުގެ އާންމު ޖަލްސާއަކުން ފާސްކުރުމެއް ނެތި ދީފައިވާ ހުރިހާ ބިމެއް ވަގުތުން ވަގުތަށް އަތުލުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.
އާޒިމްއަށް ފޮނުވާފައިވާ ސިޓީގައި ވަނީ މާލޭގެ ބިންތަކުގެ ދަފުތަރު އާންމުކުރިއިރު، އޭގައި ހުރި ބައެއް ކުށްތަކާއި އެހެނިހެން ލިޔުންތަކުން ފެންނާން ހުރި މައުލޫމާތާ ފުށުއަރާ ކަންކަން ވެސް ފާހަގަކޮށް އެ ކަންކަން ވެސް އިސްލާހު ކުރުމަށް އެދިފަ އެވެ.
މާލެއިން ދޫކޮށްފައި ހުރި ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާކޮށް ގޯސްކޮށް ހުރި އެއްބަސްވުންތައް އުވައިލަން އެދިއްޖެ މާލެއިން ދޫކޮށްފައި ހުރި ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާކޮށް ގޯސްކޮށް ހުރި އެއްބަސްވުންތައް އުވައިލަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ