ބޮޑުވަޒީރު މޯދީގެ ބައޮގްރަފީގައި ރަވީނާ ކުޅޭނީ މޯދީގެ މަންމަގެ ރޯލު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "މާ ވަންދޭ: ދި އެންތަމް އޮފް އަ މަދާ"ގެ ވަރަށް މުހިއްމު ރޯލެއް ބޮލީވުޑް ބަތަލާ ރަވީނާ ޓަންޑަންއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީއިން އުފައްދާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގައި ރަވީނާ ފެންނާނީ މޯދީގެ މަންމަ ހީރާ ބެން މޯދީގެ ރޯލްއިންނެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާނުކުރި މި ބައޮގްރަފިކަލް ޑްރާމާގައި މޯދީގެ ރޯލް ކުޅެން ހަމަޖެހިފައި ވަނީ މަޅަޔާލަމް އެކްޓަރު އުންނި މުކުންދަންއެވެ. ކްރަންތީ ކުމާރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ވީރު ރެޑީއެވެ. ބޮޑުވަޒީރު މޯދީގެ ރޯލް ކުޅޭ އެކްޓަރު އުއްނީ މުކުންދަން އަދި ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ފިލްމުގައި މޯދީގެ މަންމަ ހީރާ ބެންއާއި މޯދީއާ ދެމެދު އޮތް މައިވަންތަކަމުގެ ލޯބި ވަރަށް ރަނގަޅަށް ދައްކުވައިދޭނެއިރު، މޯދީގެ ސިޔާސީ ހަޔާތުގެ އެންމެ މުހިއްމު އެއް ޝަހްސިއްޔަތަކީ ވެސް މަންމަ ހީރާ ބެންއެވެ. އެހެންކަމުން އެއީ މި ބައޮގްރަފީގެ ވަރަށް މުހިއްމު އެހާމެ ވަރުގަދަ ކެރެކްޓާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުގައި ރަވީނާއަށް މި ފިލްމުން ލިބުނު ފުރުސަތަކީ މިހާތަނަށް ކެރިއަރުގައި ލިބުނު އެންމެ ޝަރަފުވެރި އެއް ކެރެކްޓާއެވެ. އެހެންވެ އެކަމާ ބަތަލާ ހުރީ ވަރަށް އުފަލުން ކަމަށާއި މޯދީގެ މަންމަ ފަދަ ޝަހުސިއްޔަތެއްގެ ރޯލް ބޮޑު ސްކްރީނަށް ގެނެސްދިނުމަކީ ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ފިލްމުގައި ރަވީނާ ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ބަތަލާ ޚާއްސަ ތަމްރީނުތަކެއް ހަދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ހަމައެއާއެކު ބޮޑުވަޒީރު މޯދީގެ ރޯލް ކުޅޭ އެކްޓަރު އުއްނީ މުކުންދަން ވެސް ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެތެރޭ ހިމެނޭ ރަވީނާ މީގެކުރިންވެސް ވަނީ ސިޔާސީ ދާއިރާއާ ގުޅުންހުރި ފިލްމުތަކުން ފެނިފައެވެ. އޭގެތެރޭގައި "ޝޫލް"، "ސައްތާ" އަދި "ކޭޖީއެފް: ޗެޕްޓަ 2" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ