މުއިއްޒުގެ ސިޔާސީ އެއްވުމަށް އިސްކަން ދިނުމަށް ހުކުރު ދުވަހު ހެލްތު އެކްސްޕޯ ނުބާއްވަން ނިންމައިފި މުއިއްޒުގެ ސިޔާސީ އެއްވުމަށް އިސްކަން ދިނުމަށް ހުކުރު ދުވަހު ހެލްތު އެކްސްޕޯ ނުބާއްވަން ނިންމައިފި

ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާ އަށް އިސްކަން ދިނުމަށްޓަކައި، ހުކުރު ދުވަހު ހެލްތު އެކްސްޕޯ ނުބާއްވަން ނިންމައިފި އެވެ.
ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ހެލްތު މިނިސްޓްރީން ބާއްވާ ތިން ދުވަހުގެ މި އެކްސްޕޯ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ކުރިން ރާވާފައި އޮތީ ނޮވެމްބަރު 13-15 އަށެވެ. ނަމަވެސް ހުކުރު ދުވަސް ކެންސަލް ކުރުމަށް ފަހު، އެކްސްޕޯގެ ނިންމުން އާދީއްތަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.
"މިގޮތަށް ފަސްކުރީ ޕީއެންސީގެ ޖަލްސާ އަށް އިސްކަން ދޭން،" މި އެކްސްޕޯގެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކްސްޕޯގެ ތާވަލަށް ކުއްލި ބަދަލެއް ގެނައުމާއި، ސިއްހަތަށް ވުރެ ސިޔާސީ އެއްވުމަށް ސަރުކާރުން އިސްކަން ދިނުމުން އެކްސްޕޯގެ ބައެއް ބައިވެރިން ކަންބޮޑުވުން އެބަ އޮތެވެ.
"ބައެއް ޑޮކްޓަރުން ރަށްރަށުން މާލެ އައީ ޑިއުޓީތައް ކެންސަލްކޮށްފައި. އަނެއްކާ އާދީއްތަ ދުވަހުގެ ޑިއުޓީ ވެސް ޖެހޭނީ ކެންސަލްކުރަން. މިއީ ވަރަށް ދެރަ ކަމެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް މީހަކު ބުންޏެވެ.
އެކްސްޕޯގައި ބައިވެރިވާ ސަރުކާރުގެ މުވައްޒަފަކު ބުނީ ސިޔާސީ އެއްވުމެއް ބޭއްވުމަށް މިފަދަ އެކްސްޕޯއެއް ކެންސަލް ކުރަން ނުޖެހޭ ކަމަށެވެ.
"މިކަމުން އެނގެނީ ސިއްހީ ހިދުމަތް ވެސް ސިޔާސީ ވެފައިވާ މިންވަރު. ޕީއެންސީގެ މިފަދަ އެއްވުމަކަށް އެކްސްޕޯ ކެންސަލް ކުރަންޖެހޭނެ ކަމަކަށް ނުފެނޭ،" އޭނާ ބުންޏެވެ.
ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޮޑު އެއްވުމެއް ބާއްވަން އިއުލާނު ކުރީ، އެމްޑީޕީން ނޮވެމްބަރު 17 ގައި މުޒާހަރާ ކުރުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.
އެމްޑީޕީގެ އެ މުޒާހަރާ މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ޕީއެންސީގެ ޖަލްސާ އަށް ބޮޑު ހޭދައެއް ކޮށްގެން ރަށްރަށުން މީހުން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެންސީގެ މާދަމާ ރޭ ޖަލްސާ ބާއްވަނީ ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރިކަން ފާހަގަ ކުރުމަށް ކަމަށް އެ ޕާޓީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ