އަޅުގަނޑު މަސައްކަތްކުރި އޮފީހުގައި އަޅުގަނޑުގެ އިތުރުން އެކި މަޤާމުތަކުގައި 32 މުވައްޒިފުން މަސައްކަތްކުރިއެވެ. ތެދަށް ބުނާނަމަ އެންމެ ދަތިޙާލުގައި ހުރީ އަޅުގަނޑެވެ. އަޅުގަނޑުގެ ބައްޕައަކީ ނުކުޅެދޭ ޙާލުގައި އެނދުގައި އޮތް މީހެކެވެ. މަންމަ އެހައި ބައްޔެވެ. ހަގަށް 4 ކޮއްކޮ ތިބެއެވެ. އެކުދިން ކިޔަވަނީއެވެ. ވީމާ މުޅި ޢާއިލާއަށް ވެސް ޚަރަދުކުރަންޖެހިފައި އޮތީ އަޅުގަނޑަށެވެ.
އެކަމަކާ އަޅުގަނޑު ކަންބޮޑެއް ނުވަމެވެ. މުސާރަ ގެންގޮސް ޙަވާލުކުރަނީ މަންމައާއިއެވެ. އެއްވެސް ކަމަކު ފައިސާ ބޭނުންވެއްޖެނަމަ އެދެނީ މަންމަ ގާތުގައެވެ. ކޮންމެ މަހަކުވެސް މުސާރަ ގެންގޮސްދިނުމުން މަންމަ އަޅުގަނޑަށްޓަކައި ހެޔޮދުޢާކުރެއެވެ. އަދި ބުނެއެވެ. "ދަރިފުޅާއެވެ! ދަރިފުޅަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި މަންމަ ކޮންމެ ނަމާދެއްގެފަހުގައިވެސް ދުޢާކުރަމެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ."
ބޮސްއަކީ ނަމާދުކުރާ މީހެކެވެ. އޭނާ ނަމާދުކުރަނީ ކޮޓަރީގައެވެ. މުވައްޒިފުންނަށް ނަމާދުކުރަން ކޮޓަރިއެއް ޚާއްޞަކޮށްފައި ހުރެއެވެ. ބަންގިގޮވުމާއިއެކު ނަމާދުކުރާމީހަކީ އަޅުގަނޑެވެ. އެހެން މަދު ބައަކު މާފަހުން ނަމާދުކުރެއެވެ. މާނައަކީ އެމީހުން ނަމާދަކަށް ސަމާލުކަމެއް ނުދެއެވެ. އެހެންވެ އަޅުގަނޑަށް މުދިމުވެސް ކިޔައެވެ. އެއީ ވަޤުތުޖެހުމާއިއެކު ނަމާދުކުރާތީއެވެ.
އަޅުގަނޑު ވަޒީފާއަށް ވަންތާ އަހަރުވާން ކައިރިވެފައި ހުއްޓައި ބޮސް އަޅުގަނޑު ގެންދިއައެވެ. ޢާއިލާ އާއި ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އަޑުއަހާފައި ބޮސް ސުވާލުކުރީ ކައިވެންޏަކާއިމެދު ނުވިސްނަންތޯ؟ ލޯބިވެރިއަކު ނުގެންގުޅެންތޯ؟ އެވެ. އަޅުގަނޑު ބުނީ މިހާލުގައި އުޅެމުން އަންތބަކު ނުބެލޭނެކަމަށެވެ. ކޮއްކޮމެން ކިޔަވައި ނިމުމުގެ ކުރިން އިތުރު އެންމެ ލާރިއެއްވެސް ޚަރަދުކުރެވެން ނެތް ކަމަށެވެ.
ޖެހިގެން އައި ހަފްތާގައި އަނެއްކާވެސް ބޮސް އަޅުގަނޑު ގެންދިއައެވެ. އެދުވަހުވެސް އަމިއްލަ ދިރިއުޅުމާއިމެދު ސުވާލުތަކެއް ކޮށްފައި އަތަށް ސިޓީއުރައެއް ދީފައި ބުނީ ބޮސްދިން ހަދިޔާއެއް ކަމަށެވެ. ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ.
ޖެހިގެން އައި މަހަކީ ބޮސްގެ ދެވަނަ ކުންފުނި ހުޅުވައި ހިންގަން ފަށަން އޮތް މަހެވެ. ދުވަސްކައިރިވަމުން އަންނަނިކޮށް ބޮސް އަޅުގަނޑު ގެންދިއައެވެ. އެދުވަހު ދައުވަތު ދިނީ އެރޭ ބޮސްގެ ގެއަށް ކާން ދިއުމަށެވެ.
ކައިނިމިގެން ބޮސް ބުނީ މިތިބީ އޭނާގެ 2 އަންހެންދަރިން ކަމަށެވެ. އެތަނުން އެއްވެސް ކުއްޖަކު އަޅުގަނޑަށް ކަމުދާނަމަ ދެއްކުމުން ކައިވެނިކޮށްދޭނެ ކަމަށެވެ. ދެކުދިންގެ މޫނު ނަގާފައި ދައްކައިވެސްފާނެކަމަށެވެ.
އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. ޙައިރާވެ ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. އަޅުގަނޑު ބުނީމެވެ. "ޙަމްދާއި ޝުކުރު ހުރީ ﷲ އަށެވެ. ދެކުދިންވެސް ހަމަ ކަމުދެއެވެ. ބޮސް ބޭނުން ކުއްޖަކާ ކައިވެނިކުރާނަމެވެ."
ބޮސް އަޅުގަނޑުގެ ކައިވެނިކޮށްދިނީ ދޮށި ދަރިފުޅު މަރްޔަމް އާއިއެވެ. ކައިވެނީގެ ޙަފްލާ ބޭއްވީ ވަރަށް ޢާދައިގެ ގޮތަކަށް އެގޭގައެވެ. އެރޭ ގޮސްހުރި މީހަކު ބޮސްއާ ސުވާލެއްކުރިއެވެ. "އަޅުގަނޑާއި ދަރިފުޅު ކައިވެނިކޮށްދިނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުގެ ކިބައިން ކޮން ޚާއްޞަކަމެއް ފެނިގެންތޯއެވެ؟"
އެއިރު އޮފީހުގެ މުވައްޒިފުންވެސް އެތަނުގައި ތިއްބެވެ. އެންމެންނަށް އަޑު އިވޭވަރަށް ބޮސް ބުންޏެވެ. "ވަރަށް އާދައާ ޚިލާފް ސުވާލެއް ކުރެވިއްޖެއެވެ. އެއީ "މަރްޔަމްގެ ކައިވެނި ޝަމީމްއާ ކޮށްދިނީ ކީއްވެގެންތޯއެވެ؟ ޝަމީމްގެ ކިބައިން ކޮން ޚާއްޞަކަމެއް ފެނިގެންތޯއެވެ؟" އެހެންވީމާ މިތަނުގައި މިތިބަ އެންމެންނަށް އަޑު އިއްވައި ޖަވާބު މިދެނީއެވެ. ޝަމީމް އަކީ އޮފީހުގެ މިސްކިތުގެ މުދިމެވެ. އެއީ އަހުރެން ދިން ނަމެއް ނޫނެވެ. މުވައްޒިފުން ދިން ނަމެކެވެ.
އަހުރެންގެ އަތުގައި ދިރިއުޅެވޭވަރަށް ތަނަވަސްކަން އެބަހުއްޓެވެ. ގެއަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް މިގޭގައި އެބަހުއްޓެވެ. މަދީ މުދިމެކެވެ. އެހެންވެ އަހުރެން ބޭނުންވީ މިގެއަށް މުދިމެކެވެ. އަހުރެންގެ 2 އަންހެން ދަރިންވެސް އަހުރެންގެ ބަސް ޤަބޫލުކުރެއެވެ. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އިތުރު މުދިމަކު މިގެއަށް ވައްދާނަމެވެ."
ކޮންމެއަކަސް އެކައިވެނިމަތީގައި 10 އަހަރުވީއެވެ. ﷲ ގެ ރަޙްމަތް ފުޅުން އެއިރު ބޮސް، މިހާރު ބައްޕަގެ ވިޔަފާރީގައި އިސްކޮށް ޙަރަކާތްތެރިވަނީ އަޅުގަނޑެވެ. އަނބިމީހާއަކީ ކިޔަމަންތެރިކަމުގައި ނަމޫނާ އަންތބެކެވެ. އިތުރަށް ބުނާކަށް ނެތީމެވެ.
އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. ވިސްނައިފިނަމަ ޙާޞީލްކުރެވޭނެ ވަރަށް ގިނަ ޢިބްރަތް ހިމެނެއެވެ. އެތަނުންވެސް ފާހަގަކޮށްލަން ބޭނުން އެއްކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މައިންބަފައިންގެ ދުޢާގެ މުހިންމު ކަމެވެ. ﷲ ފަރުޟު ކުރެއްވެވި ނަމާދު ވަޤުތުޖެހުމުން އަދާކުރުމުގެ މުހިންމު ކަމެވެ. ނަމާދަށް ރައްކައުތެރިވާ އެންމެންނަށް އަޅުގަނޑަށް ދެއްވެވިފަދައިން މިދުނިޔޭގައި އަންތބަކު ނުދެއްވެވި ނަމަވެސް ޤިޔާމަތް ދުވަހު ޙޫރަލްޢީނުން ދެއްވަވާނެކަން ޔަޤީން ނޫންތޯއެވެ؟
- މުސްޠަފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: މަސައްކަތްކޮށްގެން ލިބޭ ހުރިހާ ފައިސާއެއް މަންމައަތަށްދީގެން ޢާއިލާއަށް ޚަަރަދުކުރަމުންއައި ޒުވާނަކަށް ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ