އިންޑިއާއިން އިންޑޮނީޝިއާއަށް ދުރުރާސްތާ މިސައިލް ވިއްކަނީ

އިންޑިއާއިން އިންޑޮނީޝިއާއަށް ދުރުރާސްތާގެ މިސައިލް ވިއްކަން އެއްބަސްވެއްޖެ ކަމަށް އިންޑިއާގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިންޑޮނީޝިއާއަށް ވަޑައިގަތުމުން ރައީސް ޕްރަބޯވޯ ސުބިއާންތޯ، މަރުހަބާ ވިދާޅުވެފައި ވާއިރު ތިން ދުވަހު ދުވަހުގެ ރަސްމީ ދަތުރުގައި ވަނީ ދިފާއީ ދާއިރާ އާއި މުހިންމު މިނަރަލްސްގެ އިތުރުން އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވެސް އެއްބަސްވެފަ އެވެ.  
މި ދަތުރުގެ އެންމެ މުހިންމު އެއް ކަމަކަށް އޮތީ ބްރަހްމޯސް މިސައިލް ސިސްޓަމް ވިއްކުމާ ބެހޭ އެއްބަސްވުމެއް ހެދުން ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ވައިގެ ތެރޭ ފޮނުވާލާ [އެއާ ޓު އެއާ] މިސައިލްގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވެސް ދެ ގައުމުން ސޮއިކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޓެކްނޮލޮޖީގެ ގޮތުން ގުޅުން ބަދަހިވެ، ދިފާއީ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އިންޑޮނީޝިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް ޕްރަބޯވޯއާ ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި މޯދީ ވަނީ އިންޑިއާ އާއި އިންޑޮނީޝިއާއާ ދެމެދު "އިތުބާރު ބޮޑުވަމުންދާކަން" ފާހަގަކުރައްވައިފަ އެވެ. އަދި މިކަމުގެ ސަބަބުން "ދިފާއީ، ސަލާމަތީ އަދި ކަނޑުގެ ސަރަހައްދުގެ ކަންކަމުގައި" އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭޝިއާގެ އެންމެ ބޮޑު ދެ ޑިމޮކްރަސީން ވަނީ އިންޑޮނީޝިއާގައި ގިނަ އަދަދަކަށް ހުންނަ ކްރިޓިކަލް މިނަރަލްސް (މުހިންމު މައުދަންތައް) އާއި ދަގަނޑު އުފެއްދުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފަ އެވެ. މޯދީ ވިދާޅުވި ގޮތުގައި، ދެގައުމުގެ ކުންފުނިތަކުގެ މެދުގައި ސްޓެއިންލެސް ސްޓީލް އަދި ރެއާ-އާތު މެގްނެޓްސްގެ ދާއިރާއިން އާ ޕާޓްނަޝިޕެއް މިހާރު ވަނީ ފެށިފަ އެވެ.
ރައީސް ޕްރަބޯވޯ ވިދާޅުވީ، އިންޑޮނީޝިއާ އާއި އިންޑިއާއިން އިގްތިސާދީ އެއްބާރުލުން ދެކެނީ ދެގައުމުގެ ގުޅުމުގެ އެންމެ މުހިންމު އެއް ތަނބުގެ ގޮތުގައި ކަމަށެވެ. އަދި ދެގައުމުގެ މެދުގައި ވިޔަފާރި އިތުރުކުރުމަށާއި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ހާއްސަ ވިޔަފާރީގެ އެއްބަސްވުން) ގެ މަޝްވަރާތައް އަވަސްކުރުމަށް މޯދީއާ އެކު އެއްބަސްވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޔޮގްޔަކާޓާގައި ހުންނަ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމަށްވާ ޕްރަމްބަނާން ފައްޅި އިއާދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދެ ލީޑަރުން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ބުދަ ދުވަހު މި ދެ ބޭފުޅުން އެތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނެއްގައިވާ ގޮތުން، އިންޑޮނީޝިއާގެ ދަތުރު ނިންމަވާލެއްވުމަށް ފަހު މޯދީ ދެން ވަޑައިގަންނަވާނީ އޮސްޓްރޭލިއާ އާއި ނިއުޒީލޭންޑަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ