ދިވެހިރާއްޖޭގެ އަމާންކަމާއި އިޖުތިމާއީ ފޭރާމަށް ބަލާއިރު، މިއަދު އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވަނީ ކުށުގެ ވެށީގައި ކުޑަކުދިން ބައިވެރިވާ މިންވަރު އާދަޔާ ހިލާފަށް އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ނިޔަތުގައި 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ، ކުށްކުރާ ކުދިން އިސްލާހުކޮށް، އަނބުރާ މުޖުތަމައަށް ނެރުމަށް ބާރުއަޅާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވުނު ޒަމާނީ ގާނޫނެކެވެ. ނަމަވެސް، މި ގާނޫނު ވުޖޫދުވިތާ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފެނިގެންދިޔައީ، ގާނޫނުގައި ލިޔެފައިވާ އުސޫލުތަކާއި އަމަލީ ގޮތުން ކަން ހިނގާ މަގާ ދެމެދު އޮތް ބޮޑު ފަރަގެކެވެ. ގާނޫނުގެ ދަށުން ކުދިންނަށް ލިބިދޭ ރައްކާތެރިކަމާއި ލުއިތަކުގެ ނާޖާއިޒު ފައިދާ، ބޮޑެތި ކުށްވެރިންނާއި ގޭންގުތަކުން ނަގަމުންދާއިރު، އެ ކުދިން އިސްލާހުކުރުމަށް ދައުލަތުން އުފުލަންޖެހޭ ޒިންމާތައް އޮތީ ބޮޑުތަނުން އިހުމާލުވެފައެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމު ހިންގުމުގައި ހުރި އެންމެ ބޮޑު އެއް ހުރަހަކީ، ގާނޫނުން ލާޒިމުކުރާ ވަސީލަތްތަކާއި އޮނިގަނޑުތައް ގާއިމުކުރެވިފައި ނެތުމެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި، ކުދިން ރިހެބިލިޓޭޓްކުރާނެ ހާއްސަ މަރުކަޒުތައް އެކަށީގެންވާ ގޮތެއްގައި ނެތުމުގެ ސަބަބުން، ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ކުދިންނަށް ބޭނުންވާ ފަރުވާ ދެވޭނެ މާހައުލެއް ރާއްޖޭގައި ނެތެވެ. މިކަމުގެ ސަބަބުން، ކުށުގެ ވެށިން ހައްޔަރުކުރެވޭ ކުދިން އެކަށީގެންވާ މޮނިޓަރިންއެއް ނެތި އަނބުރާ މުޖުތަމައަށް ދޫވެގެން ދިއުމަކީ، އެ ކުދިން އިތުރު ބޮޑެތި ކުށްތަކަށް ހުށަހެޅި، މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލޭ ކަމެކެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތަކުން އެނގޭ ގޮތުގައި، ކުދިން ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި ހިންގަންޖެހޭ ”ޑައިވާޝަން ޕްރޮގްރާމް“ ތަކާއި، މުޖުތަމައަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރެވިފައި ނެތުމަކީ، ކުށުގެ މަގަށް ހުށަހެޅޭ ކުދިން ސަލާމަތްކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.
ގާނޫނު ތަންފީޒުކުރުމުގައި ހުރި ނިޒާމީ ބާގަނޑުތަކުގެ ވާހަކަ ދައްކާއިރު، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރުގެ މައްސަލައަކީ މިއަދު އެންމެ ހޫނު ބަހުސެއް ކުރެވޭ އެއް މައުޟޫއެވެ. މިހާރު ގާނޫނު އޮތްގޮތުން، އުމުރުން 15 އަހަރު ނުފުރޭ ކުދިންނާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ފިޔަވަޅެއް އެޅުމަކީ މަނާކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގޭންގުތަކުން މި އުމުރުފުރައިގެ ކުދިން ބޭނުންކޮށްގެން ބޮޑެތި މާރާމާރީތަކާއި މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމަކީ އާންމުވެފައިވާ ކަމެކެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް ލިބިދޭ މިފަދަ ގާނޫނީ ހިމާޔަތްތަކަކީ ކުށްވެރިންގެ އަތަށް ދެވޭ ”ހަތިޔާރަކަށް“ ވެގެން ނުވާނެއެވެ.
ހަމައެއާއެކު، މީހުން މެރުން ފަދަ އެންމެ ބޮޑެތި ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމުން، އެ ކުދިންނަށް ދެވޭ އަދަބާ މެދު އޮތް ގާނޫނީ ހުރަސްތަކަކީ ވެސް އިންސާފު ގާއިމުކުރުމުގައި ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށްކުރިއިރު 18 އަހަރު ނުފުރޭނަމަ، އެ މީހަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް އޮތް އޮތުމަކީ، މަރުގެ މައްސަލަތަކުގައި ވާރިސުންނަށް ލިބޭންޖެހޭ އިސްލާމީ ޝަރީއަތުގެ ހައްގުތަކަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ފަނޑިޔާރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ނޫރު އާދަމް މަރާލި މައްސަލައިގެ ހުކުމުގައި ފާހަގަކޮށްފައިވާ ފަދައިން، ކުށްކުރާއިރު ކުޑަކުއްޖަކަށް ވުމަކީ، އެހެން އިންސާނެއްގެ ދިރިހުރުމުގެ ހައްގު ނިގުޅައިގަތުމަށްފަހު، އެއްވެސް ހައްގު އަދަބެއް ނުލިބި ސަލާމަތްވާން އޮތް އުޒުރަކަށް ވެގެން ނުވާނެއެވެ. މިފަދަ މައްސަލަތަކުގައި ގާނޫނު މާނަކުރުމުގައި ހުރި ތަފާތުތަކުގެ ސަބަބުން، އެއް ކުށެއްގައި ބައިވެރިވާ ކުދިންގެ ތެރެއިން ބައެއް ކުދިން ބަންދުގައި ބައިތިއްބާއިރު އަނެއް ބަޔަކު މިނިވަންކަމާއެކު މުޖުތަމައުގައި އުޅުމަކީ ނިޒާމުގެ ތެރޭގައި އޮތް ބޮޑު ބާގަނޑެކެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އާއި ސޯޝަލް މިނިސްޓްރީގެ ދައުރަށް ބަލާއިރު، ނާޒުކު ހާލަތްތަކުގައި ތިބޭ ކުދިން ދެނެގަނެ، އެ ކުދިން ކުށުގެ ވެށިން ދުރުކުރުމުގެ ޒިންމާ އޮތީ މި މުއައްސަސާތަކުގެ މައްޗަށެވެ. ނަމަވެސް، މުވައްޒަފުންގެ ދަތިކަމާއި، ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުން މަދުވުމުގެ ސަބަބުން، ކުދިން މޮނިޓާކޮށް އިސްލާހީ މަސައްކަތްތައް ހިންގުމުގައި ވަނީ ނުކުޅެދިފައެވެ. ގިނަ ފަހަރަށް ދައުލަތުގެ މުއައްސަސާތަކަށް ހޭވެރިކަމެއް އަންނަނީ ކުޑަކުއްޖަކު ބޮޑު ކުށެއް ކުރުމުން ނުވަތަ މުޖުތަމައުގެ ތެރޭގައި އެކަމާ މެދު ބޮޑު ހިތްހަމަނުޖެހުމެއް އުފެދުމުންނެވެ. އެހެންކަމަލުމުން، މިފަދަ ހާލަތްތަކުގައި ދައުލަތުގެ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކޮށް، ކުއްޖާ ކުށުގެ ވެށީގެ ޝިކާރައަކަށް ވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ގާނޫނުގައި ލާޒިމުކޮށްފައިވާ ކަންކަމަށް ބަލާއިރު، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖުވެނައިލް ކޯޓަށް ވަނީ ކުޑަކުދިން ކުރާ ޖިނާއީ ކުށްތައް ބެލުމުގެ ހާއްސަ އިހުތިސާސެއް ދީފައެވެ. މި ނިޒާމުގެ ތެރެއިން ޕްރޮބޭޝަން އޮފިސަރުންގެ ދައުރަކީ ކުދިން މޮނިޓާކޮށް، އެ ކުދިން އިސްލާހުވަމުންދާ މިންވަރު ޝަރީއަތަށް ރިޕޯޓުކުރުމެވެ. ނަމަވެސް، މި މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދަނީ ބަޖެޓާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށް ވާއިރު، މިއީ ގާނޫނުގެ މަގްސަދު ހާސިލުވުމަށް އޮތް ބޮޑު ހުރަހެއްކަން ކަށަވަރެވެ. މީގެ އިތުރުން، ގާނޫނުގެ 20 ވަނަ ބާބުގައި ބަޔާންކުރާ ގޮތަށް، ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށްޓަކައި މައިންބަފައިންނާއި، އާއިލާތަކާއި، ތައުލީމީ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ހާއްސަ އުސޫލުތަކެއް ތަންފީޒުކުރަން ޖެހެއެވެ.
އިހުސާން ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ގާނޫނަށް އެއްވެސް އިސްލާހެއް ގެނެވިފައި ނުވުމަކީ، ކުށުގެ ވެށީގައި އުޅޭ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް ދެވިފައިވާ އިސްކަން ކުޑަކަން ހާމަވާ ކަމެކެވެ. ކުށް ކުރާ ކުދިން ރިހެބިލިޓޭޓް ކުރުމަށް ފަހު، އެ ކުދިން އަނބުރާ ކުރީގެ ނުރައްކާތެރި މާހައުލަށް ނުދާނެކަން ކަށަވަރުކުރުމަކީ މުޅި ދައުލަތުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން، ގާނޫނުގައި ހުރި ބާގަނޑުތައް ބައްދައި، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މުޖުތަމައުގެ ހާލަތާ އެއްގޮތަށް ބަދަލުކޮށް، ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވައިލާފައިވާ ގާނޫނު އެދެވޭ ގޮތެއްގައި ތަންފީޒުވަމުން ނުދާކަމުގެ ކަންބޮޑުވުމާއެކު، ދައުލަތުގެ ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ރަސްމީކޮށް ހުށަހަޅުއްވާފައެވެ.
މެންބަރުގެ ހުށަހެޅުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޒަމާނީ ގާނޫނެއް އޮތް ނަމަވެސް، ގާނޫނުގައި ލާޒިމުކޮށްފައިވާ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ރިހެބިލިޓޭޓްކުރާ މަރުކަޒުތައް ގާއިމުވެފައި ނެތުމުން، ކުށްކުރާ ކުދިން ބައިތިއްބާނެ ރައްކާތެރި މާހައުލެއް ގައުމުގައި ނެތެވެ. މީގެ އިތުރުން، ކުދިން މުޖުތަމައަށް އަހުލުވެރިކުރުވަން ހިންގަންޖެހޭ ޑައިވާޝަން ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާކުރެވިފައި ނެތުމާއި، ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަ ފުލުހުންނާއި ފަނޑިޔާރުން ތަމްރީނުކުރުން ލަސްވުމުގެ ސަބަބުން މުޅި ނިޒާމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ވަސީލަތްތަކާއި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި ޖުވެނައިލް ކޯޓުގެ މަސައްކަތްތައް މަޑުޖެހިފައިވާކަން ފާހަގަކުރައްވައި، މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒެއް ނުވޭ، ގަވައިދުތައް ބުނާ އެތައް ކަމެއް އަދިވެސް ފުރިހަމަ ނުކުރެވިފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ