ސަރުކާރުން 35 ޕަސެންޓް ނުލިބޭ ކަމަށް ގާސިމް އިޝާރާތް ކުރައްވައިފި

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެރިކަމަށް ގެނައުމަށް ޕީޕީއެމްއާއެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދިއިރު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ 35 ޕަސެންޓް ދީފައި ނުވާ ކަމަށް ދޭހަވާ ގޮތަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފި އެވެ.
~
މިދިޔަ މަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ޖޭޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ތާޖުއްދީން ސުކޫލުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ކޯލިޝަން ތެރެއިން ސަރުކާރުގެ 35 ޕަސެންޓް ޖޭޕީއަށް ދިނުމަށް "އަހުދު" ކުރެވިފައިވާ ކަމަށާއި އެގޮތަށް އެކަން ހިނގާނަމަ "ރައްޔިތުން އުފާވީސް" ކަމަށެވެ.
"ޕޮލިޓިކަލް މަގާމުތަކުންނާއި އެނޫނަސް މިނިވަން މުވައްސަސާތަކުގެ ދާއިރާއިން ވެސް މީހުން އައްޔަންކުރެވޭއިރު އަޅުގަނޑުމެންގެ ލަފަޔާ ހޯދިގެންދާނެ ޖެހޭނެ ކަމަށް އެއްބަސްވުމުގައި މި ވަނީ. އެހެން އެކަން އޮތްއިރު އަޅުގަނޑުމެނަށް ލިބިފައި ވަނީ ޕޮލިޓިކަލް މަގާމުތަކުގެ ތެރެއިން 29 މަގާމު. އެއީ ސަރުކާރުގެ ތެރޭގައި ޕޮލިޓިކަލް މަގާމުތަކުގެ ތެރެއިން 35 ޕަސެންޓް ކަމަށްވަންޏާ އަޅުގަނޑުވެސް މިހުރީ ވަރަށް އުފަލުން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ނޫން ގޮތަކަށް އެކަން ދާކަމަށްވާ ނަމަ އެ ޕާޓީއަށް ޖެހޭނީ އެކަމާއިމެދު ވިސްނަން ކަމަށެވެ. އަދި އެކަކު އަނެއްކުގެ މެދުގައި ވެފައިވާ ވައުދާއި އަހްދު އުވާލައިގެން ނުވާނެ ކަމަށާއި އެހެން ނޫން ނަމަ ދާނީ "ސުމަކުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުން ގާސިމް ވަނީ ދާދިފަހުން ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް ދައުވަތު ދިން ނަމަވެސް ބައިވެރިވެވަޑައިނުގެންނެވި ސަބަބާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އެ ޖަލްސާގައި ޖޭޕީން ބައިވެރި ނުވީ އެ ޖަލްސާގައި ޖޭޕީއަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ހަމަ ޖެހިފައި ނުވާތީ ކަމަށެވެ. އަދި އެ ޖަލްސާގެ ފަސް މިނެޓް ނަމަވެސް ވާހަކަ ދައްކާލުމަށް ފުރުސަތަކަށް އެދުނު އެކަމަށާއި ނަމަވެސް ޕީޕީއެމް އިން އެ ފުރުސަތު ދިނުމަށް ބޭނުން ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ ދެ ބޭފުޅުން ވާހަކަ ދައްކަވާފައި ނިންމާލައްވާ ގޮތަށް އޮތީމަ އަޅުގަނޑުމެން ދެންނެވިން ތިން ގަޑިއިރެއްހާއިރު ކުރިން އެ އެޖެންޑާ ބަދަލުކޮށް އަޅުގަނޑުމެނަށް ވެސް ފަސް މިނެޓްއިރު ނަމަވެސް ދެއްވާށޭ ޝުކުރު ދަންނަވާލަން. އެހެން ނަމަވެސް އެ ފުރުސަތު އަޅުގަނޑުމެނަށް ލިބިގެންނުދިޔަ،" އޭނާ ވިދާޅުވި އެވެ. އެ ޖަލްސާގައި އެ ޖެންޑާ ބަދަލުކުރުމަށް ބޭނުން ނުވީ އެ ޕާޓީގެ ލީޑަޝިޕުގެ ބޭފުޅުންކަމަށް ވެސް އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ ޖަލްސާގައި އާންމު ބައެއް މެންބަރުން ޖޭޕީއަށް ވަނީ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސާގެ މަގާމުގައި ހުންނެވި އާޝިޔަތު ޝިހާމާ ވެސް ވަނީ ޖޭޕީއަށް ސޮއި ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ