ރައީސް މައުމޫން އަށް ދަނީ ގަސްތުގައި ލާއިންސާނީ އަނިޔާ ދެމުން - ވަކީލު

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިކަމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ބޭނުންވާ ސިއްހީ ހިދުމަތެއް ލިބި ދިނުމުގައި މޯލްޑިވްސް ކަރެކްޝަންސް އިން ދަނީ އިހުމާލުވެ ގަސްތުގައި ލާއިންސާނީ އަނިޔާ ދެމުން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
މައުމޫނުގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ރައީސް މައުމޫނާއި ބައްދަލުކުރުމަށް ކަރެކްޝަނަލް ސާވިސްއަށް ފޯމު ހުށަހެޅުމުން އެމަނިކުފާނު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް އެތަނުން ބުނިކަމަށެވެ. ނަމެސް ބައްދަލުވުން ހަމަޖައްސައިދިނުމަށް ފުލުހުންގެ ކިބައިން އެދުމުން، ރައީސް މައުމޫން ހުންނެވީ ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.
"ފުލުހުންވެސް ހަގީގަތުގައި ބޭނުމެއް ނުވޭ އެބޭފުޅުންގެ ބެލުމުގެ ދަށުގައި ރައީސް މައުމޫން ހުންނަވަނިކޮށް އެމަނިކުފާނަށް ދެރަގޮތެއް މެދުވެރިވާކަށް. ރައީސް މައުމޫންގެ ބޭސްފަރުވާ އަށް ކަރެކްޝަންސް އިން ދަނީ ގަސްތުގައި އިހުމާލުވަމުން " ޝަމީމް ވިދާޅުވިއެވެ.
ޝަމީމް މިހެން ވިދާޅުވެފައިވާއިރު ކަރެކްޝަންސް އިން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެމަނިކުފާނު މާފުށީ ޖަލަށް ގެނައިފަހުން އެ މަނިކުފާނަށް ޚާއްސަ އުސޫލުތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން އެ މަނިކުފާނު ހުންނަވަނީ ދަތިކަމެއް ނެތި އުޅެވޭ ގޮތަށް ވަކިން ހުންނަ ތަނެއްގައި ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ކޮންމެ ދުވަހަކު ޖަލަށް ވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ލިބިދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް އިތުރަށް ވިދާޅުވީ ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލު ކުރީ އާއިލާއިން ބޭނުންވެގެން ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ރޯ ބުހުތާނު ދޮގެއް ކަމަށެވެ.
" އާއިލާއިން އަބަދުވެސް އެދެމުން ދަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް. ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލު ކުރީ އާއިލާއިން ބޭނުންވެގެން ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ރޯ ބުހުތާނު ދޮގެއް" ޝަމީމް ވިދާޅުވިއެވެ.
މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.
މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ނިރުބަވެރި ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ނިރުބަވެރި އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.
ރައީސް މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިކަމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް މިހާރު ވަނީ އިއްވާފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ