ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޝޯޝަލް އެފެއާރޒް ކަމުގެ މަގާމުން މުހައްމަދު ގައްސާން މައުމޫން އިސްތިއުފާ ދެއްވައިފިއެވެ.
އެ މަގާމުން ގައްސާން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ.
ގައްސާންގެ އިސްތިއުފާ ސިޓީގައި، ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެއަށް ހައިރާން ކުރަނިވި ތަރައްގީއެއް ގެނެސްދެއްވި ކަމާއި، އެކަމާއި ފަހުރުވެރިވާ ކަމަަށް ވިދާޅުވެފައި ވެއެވެ. އަދި ރައީސް ޔާމީން ސަރުކާރުގައި ހިދުމަތްކުރުމަށް ދެއްވި ފުރުސަތަށާއި ކުރެއްވި އިތުބާރަށާއި ބެހެއްޓެވި ގާތްކަމަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ގައްސާން އޭނާ އާދަކުރައްވަމުންގެންދިޔަ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައި ވަނީ ރައީސް ޔާމީންގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. ގައްސާން މައުމޫންއަކީ ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެކެވެ.
އެގޮތުން ރައީސް މައުމޫން، ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅުވެ ހިންގަމުންދިޔަ ކަންތައްތަކުގެ ތެރެއިންވެސް ގައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގައެވެ. އަދި އެއިރު ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތް ކުރަމުންދިޔަ މައުމޫންގެ ދަރިކަލުގންގެ ތެރެއިން ގައްސާން ފިޔަވާ ހުރިހާ އެންމެން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވިއިރުވެސް، ގައްސާން ގެންދެވީ ރައީސް ޔާމީންގެ ސަރުކާރަށް ހިދުމަތް ކުރައްވަމުންނެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގައި ރައީސް މައުމޫންގެ ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް އައުން އެކަށީގެންވެއެވެ.
ގައްސާން މައުމޫން ސަރުކާރުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ