ލީޑަރޝިޕްގެ ބޭފުޅުންނާއެކު ގާސިމް މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް އެޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ.ކުނޫޒުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިގަމުންދާ ކަންކަމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކަންކަމާއިބެހޭ ގޮތުންވެސް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ.
ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު އޮނަރަބަލް ގާސިމް އިބްރާހިމް މަޝްވަރާ ކުރައްވާފައިމިވަނީ ރައީސް ޔާމީނު މިއަދު ގައުމާ މުޚާތަބުކުރައްވައި ދެވަނަފަހަރަށް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާކަމަށް ދޭހަވާ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ މިއީ ފަހު ފަހަރުކަމުގެ އިޝާރާތެއްވެސް ކުރައްވާފައިވަނިކޮށެވެ.
ރައީސް ޔާމީނުގެ ވާހަކަފުޅާ ގުޅިގެން ވަރަށް ގިނަބަޔަކު ދަނީ މިއީ އެމަނިކުފާނު ގައުމު ދޫކުރައްވައި ފިއްލަވަން އުޅުއްވާކަމުގެ ނިޝާނެއްކަމަށް ބުނަމުންނެވެ. ރައީސް ޔާމީނަށް ފިއްލެވުމުގެ ފުރުސަތުދީގެން ނުވާނެކަމަށާއި އިންސާފުގެ ކުރިމައްޗަށް ޔާމީނު ގެންނަންޖެހޭ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރައީސް ޔާމީނު ފުރާވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ގަދަވެފައި މިވަނީ އިންތިޚާބު ބާތިލު ކުރުމަށް އެމަނިކުފާނު ސުޕްރީމްކޯޓަށް ހުށައެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށެވެ. އެއަޑުއެހުންތަކުގައި ރައީސް ޔާމީނު ހުށައެޅުއްވި ސިއްރުހެކީންގެ ހެކިބަސް ނުނެގުމަށް ސުޕްރީމްކޯޓުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ