އިންތިޚާބު ފަސްކުރާ ވާހަކަ އިދިކޮޅުން ދައްކަނީ ބަލިވާނެކަން އިނގޭތީ: އަބްދުއްރަހީމް އަބްދުﷲ

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ފަސްކުރަން ޕީޕީއެމްއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެޕާޓީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރިޔާސީ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމްއިން އެއްވެސް ޙާލަތެއްގައި ތާއީދެއް ނުކުރާނެ ކަމަށެވެ. އަދި އެޕާޓީ އިން މަސައްކަތް ކުރަމުން ދަނީ ރިޔާސީ އިންތިޚާބަކީ އަމާންކަމާއި ސުލްހަވެރިކަމާއި އެކު ކުރިޔަށް ދާނެ އިންތިޚާބަކަށް ހެދުމަށް ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިޚާބު ފަަސްކުރާ ވާހަކަ ދައްކަނީ، އިންތިޚާބުން ބަލިވާނެކަން އިނގޭތީކަމަށެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހް ތ. ވިލުފުށީގައި ވާހަކަ ދައްކަވަމުން ރިޔާސީ އިންތިޚާބަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ހަޤީޤަތް އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިންތިޚާބުގެ މިނިވަން ކަމަށް ތާއީދު ކުރާނެ ކަމަށާއި އަދި ފަސް ކުރުމެއް ނެތި އިންތިހާބު ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށް. މީގެއިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ މަދަނީ ބަސް ނޭހުމަކަށް ކަމަށެވެ. އަދި އެމްޑީޕީގެ ފަލްސަފާ އަކީ ވެސް މިއީ ކަން ނިހާން ފާހަގަކުރެއްވިއެވެ. ނިހާން ވިދާޅުވީ އެމްޑީޕީގެ ބިންގާ އެޅުނީ ކައްޗަށް ކަމަށާއި އެހެން ކަމުން އެޕާޓީ އަބަދުވެސް އޮންނަނީ ކައްޗަށް ކަމަށެވެ. ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރާއްޖޭގެ ފަހުގެ ތާރީހްގައި ހިނގާދިޔަ އުދުވަނީ ހަމަލާތަކާއި ދާހީލީ މަައްސަލަތަކުގެ އަޑީގައި އިދިކޮޅު ފަރާތްތަކުން ތިބިކަން ފާހަގަކުރައްވާފަވެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އަމަން އަމާންކަން ނަގާލާނެ އަމަލުތައް ހިންގަން ފަސް ނުޖެހޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ޕީޕީއެމްގެ ނައިބް ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުޅެނީ އަމިއްލަ އެޖެންޑާއެއް ހާސިލް ކުރަން ކަމަށާއި، އެކަން ހާސިލް ކުރަން ކޮންމެ ފަދަ ކަމެއް ކުރަންވެސް ފަސް ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ